އަންނަ މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ހަ ދުވަހުގެ މުއްދަތަކަށް މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް، އިސްމާއިލް ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ދުރާލައި ރީ-ރަޖިސްޓާކުރުމަށް އެދޭ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމަށް ފޯމު ހުށަހަޅަން ޖެހެނީ އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެއްސީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ރޯމަޟާން މަހުގެ ދުވަސްވަރާ ދިމާވާތީ މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރުމަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އެކަމާ ގުޅިގެން ވޯޓުލުމުގެ ހައްގު އިތުރު 560 މީހަކަށް ވަނީ ލިބިފައެވެ.