ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލެ އާއި އައްޑޫ ސިޓީ ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ އެކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ އަދި އައްޑޫ ސިޓީ ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

އެ ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށް، މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ކުލަލާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ސާފުކުރި ސަރަހައްދުތަކުން ހަތަރު ޓަނުގެ ކުނި ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ޖަންބޯ ބޭގްގެ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ހަރަކާތުގައި މާލެއިން ބީއެމްއެލްގެ 200 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކްއާ ގުޅިގެން ހިންގި ހަރަކާތެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.