މުނި އެންޓަޕްރައިޒަސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅައިދިން މިސްކިތް މިއަދު ހުޅުވައިފިއެވެ.

ނިރޮޅު މަގުގައި އަޅާފައިވާ އެ މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުލް ހަސަން އާދަމް"އެވެ. ހަސަން އާދަމަކީ މުނި އެންޓަޕްރައިޒަސްގެ ބާނީން ކަމަށް މުހުތާރު ހަސަން އަދި ނިޒާރު ހަސަންގެ ބައްޕައެވެ.

އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.

އެކަމަށްޓަކައި މުނި ހޯމް ކުންފުންޏަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށްވެސް ވިދާޅުވިއެވެ.

ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އެ މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ތަނެކެވެ.