މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ރައްޔިތުންގެ ބާރު ދީގެން ކަމަށާއި ވިޔަފާރި ފުރުސަތުތައް ހިފަހައްޓާ ބަޔަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދިން ކަމަށް ބެލެވޭނީ ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެވިގެން ކަމަށެވެ.

"ރައްޔިތުން ބާރުވެރިކުރުވައިގެން، ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ބާރުދީގެން އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުންވަނީ. އިގުތިސާދީގޮތުން އަމިއްލަ ފައިމައްޗަށް ރައްޔިތުން ތެދުވެގެން ކުރިއަށްދާން އަޅުގަނޑު ބޭނުންވަނީ. އަމިއްލަ ވިޔަފާރިތަކަށް ފުރުސަތުތައް ދީގެން، ވިޔަފާރީގެ ތެރެއަށް ވަދެ، އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ކައުންސިލުތަކާ ވެސް ގުޅިގެން އަދި އަމިއްލައަށް ވެސް ކުރެވޭނެ ގޮތްތައް ފަހިކުރަން މި މަސައްކަތްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަނދަރުތަކާއި މަގުތަކާއި ސްކޫލުތަކުގެ މަލްޓިޕާޕަސް ހޯލުތައް ހަދައިގެން ރައްޔިތުންނަށް މުއްސަނދިކަން ލިބުމުގެ ބަދަލުގައި އެކަމުން ކުރިއެރުން ލިބޭނީ ރަށަށް ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތައް ހުރީ ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ކައުންސިލުތަކަށް ފަޅު ރަށްތައް ހޯދޭ ގޮތަށް ނިންމާފައިވާނީ ވެސް އެ މަގުސަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރުން އެ ލިބޭ ރަށުގެ ބޭނުން ހިފައިގެން އެ ރަށެއްގެ ރައްޔިތުން ކައުންސިލާ ބައިވެރިވެގެން އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން ވިޔަފާރިތައް ބައިވެރިވެގެން މި ދެންނެވި ފަޅު ރަށުގައި އެކި ކަހަލަ އިންވެސްޓްމަންޓްތައް ހަދައިގެން މުއްސަނދިކަން ހޯދޭނީ. އެ ފުރުސަތު މިހާރު އެވަނީ ހުޅުވާލާފައި. އެ ފުރުސަތުގެ ތެރެއިން މިހާރު ގެޒެޓުކޮށްފައިވާ ލިސްޓަށް ރަށްތައް އިތުރުކުރަމުން ދާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ގިނައިން ފެނިފައި އޮންނާނީ އެކިކަހަލަ ކަންކަން ކުރުމަށް ވަރަށް އުނދަގުލުން ހުއްދަ ލިބޭ މަންޒަރު ކަމަށާއި ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ އެއީ ފަސޭހައިން ލިބޭ ހުއްދައަކަށް ހެއްދެވުމަށް ކަމަށެވެ. އަދި ހާއްސަކޮށް އިގުތިސާދީ މަސައްކަތްތަކަށް ކުރާ ކަންކަމަށް ފަސޭހައިން ހުއްދަ ހޯދޭނެ ގޮތް ފަހިކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

"ބިން ހިއްކާފައި އޮންނަ ރަށްތަކުގައި، އެ ބިމުގައި އިގުތިސާދީ ޒޯންތައް ލޭންޑްޔޫސް ޕްލޭންގެ ތެރެއިން ކަނޑައަޅައިގެން އެތަންތަނަށް ވެސް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކައުންސިލުތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނަން. އަޅުގަނޑުމެން ނުވާނަން ހިފަހައްޓާ ބަޔަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުއްސަނދިކަން ހޯދުމަށް މަސައްކަތް ފެށުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެކަމަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.