ކައުންސިލްތަކުން ނެރޭ ބަޔާންތައް ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް ފާޑުކިޔައި ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭ އިން ވަނީ އަންގައިފައެވެ.
އޭޖީ އޮފީހުން މިއަދު ބޭއްވި ނޫސްބަޔާނުގައި އެކަމާބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކައުންސިލަކުން ގާނޫނު އަސާސީއާ ނުވަތަ ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއިން ދެން އަމަލު ކުރަންޖެހޭގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
"ވަކި ޕްރޮސެސްއެއް ފުރިހަމަކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި މިއޮތީ. މިހެން އޮތް ކަމެއްގައި ކައުންސިލަކުން ނޫސްބަޔާނެއް ނެރުމާ ގުޅިގެން އެ ނޫސްބަޔާން ބާތިލްކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ކުޑަކޮށްދަތި، އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން އެއީ،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، އެލްޖީއޭއަށް ގާނޫނީލަފާ އަރުވާ މީހެއްގެ ހައިސިއްޔަތުން އެހެން އެކަން ނުކުރެވޭނެ ކަމަށް، އެލްޖީއެއަށް ގާނޫނީލަފާވެސް ދެއްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދުއަށް ވެސް ވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސް އާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އެ ހަފުލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،" ބަޔާނުގައިވެއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ބަޔާން ބާތިލުކުރަން ލިޔުމުން އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"އެލްޖީއޭ އިން ބުނީ ކައުންސިލްތަކަށް އެ ގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑުނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެނގުމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވަނީ ކައުންސިލްތަކަކީ ގާނޫނީ ވަކި ޝަހުޝެއް ކަމަށާއި އެލްޖީއޭގެ އެންގުން މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު