ޗައިނާގެ އަސްކަރިއްޔާ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާއެކު އިއްޔެ ސޮއިކުރެވުނު އެއްބަސްވުމަކީ ތަމްރީނާއި ނޮން ލީތަލް ހަތިޔާރު ހޯދުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ.
ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޗައިނާ ސަރުކާރުގެ އަސްކަރިއްޔާގެ އިސް ފަރާތަކާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި ޗައިނާއާއެކު އަސްކަރީ ދާއިރާއިން އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ. އަދި އިއްޔެގެ އެއްބަސްވުމުގެ ތަފްސީލު ވެސް ރައީސް ދެއްވިއެވެ.
"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާއި، އަދި ނޮން ލީތަލް، ލީތަން ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. އެހެންވީމާ މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ދިފާއީ ބާރަށް އިތުރު ތަމްރީނުތަކާއި ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުމާއެކު ރާއްޖޭގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި އެއީ އަމިއްލަ ފައިމައްޗަށް ތެދުވުމާއި މިނިވަންކަމާއި އަމިއްލަވަންތަކަން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ރައީސް ވަނީ ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކު، އެގްޒިމް ބޭންކުގެ ރައީސްއާ ވެސް މިއަދު ބައްދަލުކުރެއްވިކަން ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑު އެބޭފުޅުންގެ ރައީސްއާ ބައްދަލުކޮށްފައި ދެންނެވީ، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތް 30،000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުގައި، އެ މަޝްރޫއަށް ފައިސާ ހޯދުމުގައި ރައްޔިތުންނަށް އޭގައި ދުރު ރާސްތާއަށް ލުއި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހޯދުން. އެހެންވީމާ މިކަހަލަ މުހިންމު މަޝްވަރާތަކެއް މިއަދު ކުރެވިގެންދިޔައީ. އިރާދަކުރެއްވިއްޔާ އޭގެން ފޮނި ނަތީޖާ ފެންނާނެ،" އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
ޗައިނާގެ އެގްޒިމް ބޭންކަކީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކެކެވެ. އެގޮތުން ސިނަމާލެ ބުރިޖުގެ ލޯން ކޮމްޕޯނަންޓަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ބޮޑު ލޯނު ކޮމްޕޯނަންޓެއްގެ އިތުރުން މިހާރު ހަދަމުންދާ ޓާމިނަލް ތަރައްގީކުރުމަށް ވެސް އެގްޒިމް ބޭންކުގެ ލޯނު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު