ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނ. ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ މާކެޓް އަގަށްވުރެ ބޮޑުކޮށް އިތުރަށް 58 މިލިއަން ރުފިޔާ ދީފައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މިވަގުތު ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުގައި، ރައީސް ސޯލިހު ވަނީ އެ އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން، އެ ރަށު ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ސަރުކާރުގައި އެދިފައެވެ. ސޯލިހު ވިދާޅުވީ އެ ހޮސްޕިޓަލް ހެދުމަށް ބޭނުންވާ ފައިސާ އެ މަނިކުފާނުގެ ސަރުކާރުން ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަޝްރޫއަށް ފައިސާ ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެ މަޝްރޫއު 2023 ޖެނުއަރީ 05 ގައި ކޮންޓްރެކްޓަރާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށެވެ.

"އެ ޕްރޮޖެކްޓަކީ އެއިރުގެ އެ ހަވާލުކުރި 193 މިލިއަން ރުފިޔާއަށް، 30 އެނދުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. 30 އެނދު ހޮސްޕިޓަލެއް 193 މިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އޮތީ. އެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމަ އަޅުގަނޑު ހިތަށް އަރަނީ މިރޭ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ހާމަކުރުން ވަރަށް މުހިންމޭ. 30 އެނދުގެ ހޮސްޕިޓަލެއް ހެދުމަށްޓަކާ އެންމެ މޮޅެތި އިންޖިނިއަރުން އަޅުގަނޑުމެންނަށް ދެއްވާފަ އޮތް ލަފައަކީ ވެސް އެ ވަރުގެ ހޮސްޕިޓަލެއް ހެދޭނީ އެންމެ ބޮޑުވެގެން ވެސް 135 މިލިއަން ރުފިޔާއަށޭ. 135 މިލިއަން ރުފިޔާއަށް ހެދޭ ހޮސްޕިޓަލް 193 މިލިއަން ރުފިޔާއަށް ހަދަން ކޮންޓްރެކްޓު ކުރީމާ ދެން އޭގެ ފަހަތުގަ ފޮރުވިފަ އޮތް ވާހަކަތަކުގެ ވާހަކަ އަޅުގަނޑު ދައްކާނެ ކަމެއް ނެތް" ހަލީލު ވިދާޅުވިއެވެ.

ހަލީލު އެ ވިދާޅުވި ގޮތުންނަމަ ކުރީ ސަރުކާރުން ކެނދިކުޅުދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ 58 މިލިއަން ރުފިޔާ އިތުރަށް ހިމަނައިފައެވެ.

ކުރީ ސަރުކާރުން އެ ހޮސްޕިޓަލުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހަވާލުކުރި ނަމަވެސް ކޮންޓްރެކްޓަރަށް ފައިނޭންސް ހޯދޭނެ އެއްވެސް ގޮތެއް ހަމަޖައްސާފައިނުވާ ކަމަށް ހަލީލު ވިދާޅުވިއެވެ. ކޮންޓްރެކްޓަރަށް ފައިނޭންސް ހޯދޭނެ ގޮތްތައް ހަމަޖައްސައިދިނީ މި ސަރުކާރުން ކަމަށް ހަލީލު ވިދާޅުވިއެވެ.

ސޯލުހަކީ މިގައުމުގެ އިއްޒަތްތެރި ބޭފުޅެއް ކަމަށާއި "ދޮގުތައް ދޮލަނގަކަށް އަޅުއްވައިގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެ ވިއްކަން ދެން ނޫޅުއްވަން" އެމަނިކުފާނަށް ދަންނަވާ ކަމަށް ހަލީލު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ކުރީ ސަރުކާރުން ފަށައިފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންގޮސް، އެކަމުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ހަލީލު ވިދާޅުވިއެވެ. އެހެންކަމުން ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ރަށްތަކަށް ވަޑައިގަންނަވާއިރު އިވެނީ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގައި ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމުގެ ޝަކުވާ ކަމަށް ހަލީލު ވިދާޅުވިއެވެ. ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ވަނީ ވީރާނާވެފައި ކަމަށް ހަލީލު ވިދާޅުވިއެވެ. ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދިޔައިރު ސިއްހީ ނިޒާމު އެފަދަ ހާލަތެއްގައި އޮންނަން ޖެހުނީ ކީއްވެގެންތޯ ހަލީލު ސުވާލު އުފެއްދެވިއެވެ. މެއިންޓެއިންސްކޮށް ތަންތަން ކުރިއެރުވުމަށް އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި އެއްވެސް ވަރަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ރަށްރަށަށް ބޭނުންވާ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަށް 35 ޑޮކްޓަރުން ސަރުކާރުން ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ޑޮކްޓަރުން މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.