ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއާ ޖައްސާލައިގެން އުޅުއްވާ ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫގެ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މީދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ވަކި ގައުމެއް އިސްތިސްނާ ނުކޮށް، ހުރިހާ ގައުމަކާއެކު ގުޅުން ބަދަހިކުރައްވަމުން ކަމަށެވެ.
"އަޅުގަނޑުމެން އެބަ އަޑުއަހަން އިންޑިއާއާ، ރައީސުލްޖުމްހޫރިއްޔާ ޖައްސާލާ ވާހަކަ. ނޫން ރައީސުލްޖުމްހޫރިއްޔާއެއް އިންޑިއާއަކާ ޖައްސާލައިގެންނެއް ނޫޅޭ. އަދި އެއްވެސް ގައުމަކާ ވެސް ޖައްސާލައިގެން ނޫޅޭ. އަޅުގަނޑުމެން ބޭނުންވަނީ ސުލްހަ މަސަލަސްކަމާއެކު ހުރިހާ ގައުމަކާއެކު ކުރިއަށް ދިއުން. އަޅުގަނޑުމެންގެ އެއްވެސް މިސްރާބަކަށް ބަދަލެއް ނާންނާނެ. އެއްވެސް ގުޅުމެއް ނެތް ބައެއްގެ ގޮތުގަ އަޅުގަނޑުމެން ނިމިގެނެއް ނުދާނެ. އިދިކޮޅުން އެ ދައްކާ ވާހަކަތަކަކީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް ގުޅުމެއް ނެތް ވާހަކަ. އެއީ ހަމަ ފުލޯކު ވާހަކަ،" ސިޔާމް ވިދާޅުވިއެވެ.
"ބޭރުން ދައްކާ ފުލޯކު ވާހަކައެއް އަޅުގަނޑުމެން އަޑުއަހައި އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް އަޅަން އަޅުގަނޑުމެން ނުކުމެއްޖެ ކަމަށް ވަންޏާ އެކަމެއް އަޅުގަނޑުމެންނަށް ފޮރުވިގެން ހިނގައިދާނެ،"
އެހެންކަމުން އެންމެ ރަނގަޅު އަދި އެންމެ ބުއްދިވެރި ގޮތަކީ ރައީސް މުއިއްޒާއެކު ކުރިއަށް ދިއުން ކަމަށް ސިޔާމް ވިދާޅުވިއެވެ. ރައީސް މުއިއްޒު ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ކުރެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންގެ ސަރުކާރަށާއި އަޅުގަނޑުމެންނަށް އެއްބާރުލުންދީގެން. އެނގިލައްވާނެ ފަދައިން ސަރުކާރެއްގެ އެންމެ މުހިންމު ކަމަކީ ޕާލިމެންޓުގެ މެޖޯރިޓީ ލިބުން. ޕާލިމެންޓްރީ މެޖޯރިޓީ ނުލިބިއްޖެކަމަށް ވާނަމަ ރައީސުލްޖުމްހޫރިއްޔާގެ އެ ބޭނުންވާ ކަންތައްތައް ހާސިލުކުރެވުން އެއީ ވަރަށް ނާދިރު ކަމަކަށް ވާނީ،" ސިޔާމް ވިދާޅުވިއެވެ.
ރައްޔިތުން ވިސްނަންވީ ސިޔާސީ ހަމަނުޖެހުމެއްގައި ތިބެ، ތަރައްގީއަށް ބޭނުންވާ ކަންކަން ނުކުރެވި އެތައް ޒަމާނަކަށް ތިބެންތޯ ކަމަށް ސިޔާމް ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ލިބިގެން ކަމަށާއި އެހެން ޕާޓީތަކަށް ގޮނޑިތައް ލިބިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ މީގެ ކުރިން ދެކިފައިނުވާ އާ އުސްމިންތަކަށް ފަސް އަހަރުގެ ތެރޭގައި ރާއްޖެ ގެންދިއުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ސަރުކާރާއެކު އެމްޑީއޭ އިން ކޯލިޝަން ހެދީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. ކޯލިޝަން ހެދުމަށް ނިންމީ ރައީސް މުއިއްޒަކީ ތަޖުރިބާ ކުރެވިފައިވާ ގާބިލު ބޭފުޅަކަށްވުމުން ކަމަށެވެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަކީ ފުލޯކު ވައުދުތަކެއް ނޫން ކަމަށާއި އެއީ ހަގީގީ ވައުދުތަކެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ރައްޔިތުން ވެސް ޝައްކު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު