ރޯދަ މަހު އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަކީ، ކަނޑޫދޫ މިރުހެކެވެ. އެއީ އެ މިރުހުގެ ކުޅިކަމާއި ރަހައިގެ ސަބަބުންނެވެ. ކަނޑޫދޫ މިރުސް ނުހިމަނައި ރޯދަމަސް ފުރިހަމަ ނުވާ ބައެއް ގޭބިސީތައްވެސް އުޅެއެވެ. ރޯދައަށް ހައެއްކަ ދުވަހަށް ގާތް ވެފައިވާއިރު، މި އަހަރުވެސް ކަނޑޫދޫ ވަނީ ރޯދައަށް ދުރާލައި ތައްޔާރުވެފައެވެ. މުޅި ރާއްޖެއަށް މިރުސް ފޯރުކޮށްދޭން ކަނޑޫދޫގެ ހީވާގި ދަނޑުވެރިން މި ފަހަރުވެސް ތިބީ ފޫގަޅައިގެންނެވެ. މީގެ އަށެއްކަ މަސް ކުރިން ފެށިގެން ވަމުން އައި ތައްޔާރީތަކުގެ ނަތީޖާއަކީ، މި ދުވަސްވަރަކީ މިރުސް އެންމެ ތިޔާގި އެއް ދުވަސްވަރަށް ވުމެވެ.

ކަނޑޫދޫން ހަފުތާއެއްގެ މައްޗަށް 3،000-4،500 ކިލޯގެ މިރުސް ބޭރުކުރެއެވެ. ބައެއް މަސްމަހު އެއަށްވުރެވެސް އިތުރެވެ. ކަނޑޫދޫގައި 200 އަށްވުރެ ގިނަ މިރުސް ކޮށި ހުރިއިރު، ދަނޑުވެރިކަމުގައި ކޮންމެވެސް މިންވަރަކަށް ޝާމިލު ނުވާ މީހަކު މަދެވެ.

"މި ފަހަރުވެސް ހުސްނުވެ މިރުސް ލިބޭނެ. ރަށުން މިހާރު މިރުސް ކިލޯއެއް މިއުޅެނީ 450 ރުފިޔާއަށް. ނަމަވެސް މާލެއިން 550 އަށްވެސް ވިޔަފާރިވެރިން އެބަވިއްކާ. އެއީ ދެން ކޮންމެވެސް ވަރެއްގެ ފައިދާއެއްވެސް ލާނެތާ ދޯ. މާލެ ގެންދަންވެސް ލޯންޗަށް ކިލޯއަކުން 16 ރުފިޔާ އެބަނަގާ. އެވެސް ބޮޑު އަދަދެއް. އެކަމަކު ހިއެއް ނުވޭ ރޯދަ މަހު މިއަށްވުރެ ދެން އަގު އުފުލޭހެނެއް. އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ގަބޫލު ކުރެވެނީ" ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި މިރުހުގެ އަގު ރޯދައިގެ ކުރިން ކޮންމެވެސް ވަރަކަށް އުފުލުނު ނަމަވެސް ރޯދަ މަސް ފެށޭއިރު އަގު ވެއްޓޭނެއެވެ. އޭނާގެ އަންދާޒާއަކީ މިހާރު 550-600 އަށް ވިއްކަމުން އަންނަ މިރުސް ކިލޯ 250-300 އަށް ވެއްޓުމެވެ.

"އާއްމުކޮށް ރޯދަމަސް ފެށޭއިރު މިރުހުގެ އަގު ވެއްޓޭ. އެއީ މިހާރު ގިނަ މީހުން މިރުސް މި ގަންނަނީ ބޮޑެތި އަދަދުތަކުން. ބައެއް މީހުން ތިން ހަތަރު ކިލޯވެސް ގަންނާނެ. ދެން މިހާރު މިރުސް ކޮށާފައި ފްރިޖަށް ލާފައި ބެހެއްޓީމާ އެބަ ހުރޭ މަހެއް ވަންދެންވެސް. އެހެންވެ، ރޯދަމަސް ފެށުނީމަ ގަންނަ ނިސްބަތް މަދުވާނެ. އެހެންވީމާ އަގުވެސް ވެއްޓޭނެތާ" އޭނާ ބުންޏެވެ.

ކަނޑޫދޫގެ ބިން މިހާރު ވަނީ ފުރިފައެވެ. އަލަށް މިރުސް ކޮއްޓެއް ޖަހާނެ ޖާގައެއް ރަށަކު ނެތެވެ. އެކަމުގެ ސަބަބުން ދަނޑުވެރިކަމަށް ވަންނަން ބޭނުންވާ އެތައް ބަޔަކު އެ މަސައްކަތް ނުފެށިފައި މިހާރުވެސް އެބަ ތިއްބެވެ. ކަނޑޫދޫގައި ބިން ނެތުމުން ކަނޑޫދޫގެ ބައެއް ދަނޑުވެރިން ލ. އަތޮޅު ގަމުންވެސް ބިންތައް ކުއްޔަށް ނަގައިގެން މިރުސް ހައްދައެވެ.

"ބިން މިއޮތީ ވަރަށް ބޮޑަށް ފުރިފަ. މިރުސް އިތުރަށް ހެއްދޭނެ ކެޕޭސިޓީއެއް ނެތް. އިތުރު ބިން އެބަ ބޭނުންވޭ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރީހާން ވިދާޅުވިގޮތުގައި ދަނޑުވެރީންނަށް ދަނޑުވެރިކަން ކުރުމަށް އިތުރު ބިން ހޯދައިދިނުމަށާއި ބައެއް ސިނާއީ މަސައްކަތަކަށް ޖާގަ ހޯދުމުގެ ގޮތުން ކަނޑޫދޫ ކައިރީގައި އޮތް ކަކުޅަސް ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމަނައިދިނުމަށް މިހާރު ވާނީ ސަރުކާރުގައި އެދިފައެވެ. އުންމީދަކީ އެ ރަށް ކަނޑޫދޫއަށް ލިބި، ކަނޑޫދޫގެ ދަނޑުވެރިކަން އެެހެން ހަރުފަތަކަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑޫދޫގެ ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމުގެ ގޮތުގައި ރީހާން ފާހަގަކުރީ ބަލިތައް ގިނަވުމާއި ބޭސް އަގުބޮޑުވުމެވެ. ދަނޑުވެެރިކަން ކުރުމަށް ދާ ހަރަދު އެކަމުގެ ސަބަބުން އެތައް ގުނައެއް އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެތައް ގޮންޖެހުމަކާއެކުވެސް ކަނޑޫދޫ ދަނޑުވެރިން މި ވަނީ މާކެޓުގައި "ކަނޑޫދޫ މިރުސް" ފަނޑުވިޔަ ނުދީ ހިފަހައްޓާފައެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށްދެމުންނެވެ. އަދިވެސް އެ ރައްޔިތުން ބޭނުންވަނީ އެ ގޮތެވެ. މިރުހުގެ ރަސްކަން އެ ރަށުން ބީވިޔަ ނުދީ ހިފެހެއްޓުމެވެ.