ރޯދަމަހާ ގުޅުވައިގެން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑީއަރީ ކުންފުނިތަކުން މުވައްޒަފުންނަށް ހަދިޔާ ދޭންވާނީ ކުންފުނީގެ ކޭޝް ފްލޯއަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައިވާ 3،000 ރުފިޔާ ދޭންވާނެ ކަމަށެވެ. އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭން ޖެހޭނީ އެ މުވައްޒަފެއް އަސާސީ ވަޒީފާ އަދާކުރަމުން އަންނަ ތަނަކުން ކަމަށް ބުނެފައިވެއެވެ.

އެ ސާކިއުލާގައި އިތުރަށް ބުނީ، ރޯދަ މަސް ފެށޭއިރު، ޕޭ ލީވްއާއި ނޯ ޕޭ ލީވްއާއި ސްކޮލާޝިޕް ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންނުޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަމަހުގެ ތެރޭގައި އަނބުރާ މަސައްކަތަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން އެ މުވައްޒަފަަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ އަދަދު ބަލައި އެ އަދަދަށްވާ ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާއަށް ވުރެ ގިނައިން ނުވަތަ މަދުން މުވައްޒަފުންނަށް ދީފައިވާނަމަ އެ ބައި މި މަހުގެ މުސާރައިގެ ތެރެއިން އެޑްޖަސްޓް ކުރަން ޖެހޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ޕީސީބީން ބުނީ، ރޯދަމަހާ ގުޅުވައި މުވައްޒަފުންނަށް ހަދިޔާ ދޭނަމަ އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނަމަ ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންކަން ކުރަންޖެހޭ ކަމަށެވެ. ރޯދަމަހާ ދިމާކޮށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ ދީފައެވެ.