ދުނިޔޭގެ އެންމެ ބިޔަ އެއަރޕޯޓް ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި އެޅުމަށް ނިންމައި މި މަސައްކަތް ސައޫދީ ސަރުކާރުން އިނގިރޭސި ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ކިންގް ސަލްމާން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމުގައި މިތަން ހުޅުވުމަށް ތާވަލް ކުރެވިފައިވަނީ 2030 ވަނައަހަރުއެވެ.

ރިޔާޒުގެ ރަށްބޭރުން ގާތްގަނޑަކަށް 22 އަކަމޭލުގެ ބިޔަ ސަރަހައްދެއްގައި ގާއިމުކުރެވޭ މި އެއަރޕޯޓުގައި ޖުމްލަ 6 ރަންވޭ އޮންނާނެއެވެ. އެއަރޕޯޓުގެ އޮޕަރޭޝަނާ ގުޅޭ އެކި ޚިދުމަތް ދިނުމަށް 7 އަކަމޭލުގެ ސަރަހައްދެއް ޚާއްސަ ކުރެވޭނެއެވެ. އެއަރޕޯޓް ހުޅުވޭއިރު އަހަރަކު 120 މިލިއަން ޕެސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މިއަދަދު 2050 ވަނައަހަރާ ހަމައަށް 185 މިލިޔަނަށް އިތުރުކުރުމަށްވެސް ވަނީ ގަސްތު ކުރެވިފައެވެ.

އައު އެއަރޕޯޓާއެކު ދޮޅުލައްކަ އައު ވަޒީފާވެސް އުފެދިގެންދާނެއެވެ. މި އެއަރޕޯޓް ފަރުމާކުރަނީ އިނގިރޭސި ކުންފުންޏެއް ކަމަށްވާ ފޮސްޓަރ އެންޑް ޕާޓްނަރސްއިންނެވެ. އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރާނީ އިނގިރޭސި އެހެން ކުންފުންޏެއް ކަމަށްވާ މޭސްއިންނެވެ. އައު އެއަރޕޯޓަށް ޚަރަދުވާނެ އަދަދު ސައޫދީ ސަރުކާރުން ހާމަނުކުރިއަސް މި އެއަރޕޯޓުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ އެންމެ މުހިންމު ހަބަކަށް ރިޔާޒު ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އުންމީދަކީ ދުނިޔޭގެ އެންމެ ބޮޑު 10 ސިޓީ އިގްތިސާދުގެ ތެރޭގައި ރިޔާޒު ހިމެނުމެވެ.

ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ވިޝަން 2030 ފުރިހަމަ ކުރުމުގައި އައު އެއަރޕޯޓް ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. އެހިސާބަށްދާއިރު ރިޔާޒުގެ އާބާދީވެސް 20 މިލިއަނަށް އުފުލޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ރިޔާޒުގައި މިހާރު އޮތް އެއަރޕޯޓަށް ކިޔަނީ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މި އެއަރޕޯޓް އޮންނަނީ ރިޔާޒުގެ އުތުރުން 35 ކިލޯމީޓަރު ދުރުގައެވެ.