އަންނަ މެއި މަހުގެ 10ގެ ފަހުން ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޔުނީފޯމު ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އިންޑިއާ ސިފައިން އަންނަނީ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ފަތުރަމުންދާ ކަމަށާއި ރައްޔިތުން އެ ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދެ ގޮތަކަށް ވާހަކައެއް ނުދައްކާނަން، ހިތުގައި އޮންނަ ގޮތަށް ބުނާނީ. އެހެންވީމާ އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމެއް މި ދަންނަވަނީ އެކަމެއް ކުރަން ނިންމައި، ކުރަމުންދާ ގޮތަށް. އެހެންވީމާ މެއި 10އާ ހަމައަށް ދާއިރު، ރާއްޖޭގައި ނުތިބޭނެ އިންޑިއާގެ ސިފައިންނެއް. އެއީ ޔުނީފޯމުގައިތޯ، ކުލަ ހެދުމުގައިތޯއެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާގެ ސިފައިންނެއް، އެއްވެސް ގައުމެއްގެ ސިފައިންނެއް މި ރާއްޖޭގައި ނުތިބޭނެ އިރާދަކުރެއްވިއްޔާ. އެކަން ޔަގީންކަމާއެކީގައި ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ކަމަށާއި ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންނަށްވުމުން، ހަމަޖެހޭ އުސޫލަކުން އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިހާރު އެކަން ކާމިޔާބުވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން ވާހަކަދައްކައިގެން ޑިމޮކްރަސީގެ ރިވެތި ހަމަތައް މަތިން އެކަން ކުރިއަށްގެންދަޔައީމާ އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބުވެ އިމްޕްލިމެންޓްވާން ފެށިފައި އެއޮތީ، އަމަލީ ސިފަ ޖެހެން ފެށިފައި އެއޮތީ. މިހާރު ލިޔެކިޔުމަށް ތިރިކުރެވި، ސޮއިކުރެވިފައި ލިޔުމުގައި އޮތްގޮތަށް އެކަން އެ ކުރިއަށްދަނީ. މިހާރު މިއީ މާޗް މަސް، މާޗް މަހުގެ 10ގެ ކުރިން އެއް ބެޗު ފައިބާނެ. ދެން އޮތް ދެ މަސްތެރޭގައި، އެންމެ ލަސްވެގެން މެއި މަހުގެ 10އާ ހަމައަށް ބާކީ ތިބި އެންމެ ފައިބާނެ. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.

އަދި ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަންކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ފޮނުވާލުމަށްވެސް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ.

އައްޑޫ ސިޓީ ގަމުގައި ސްޓޭޝަންކޮށްފައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އަންނަ އެ ގައުމުގެ މަދަނީ މީހުން، މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. މިމަހުގެ 10ގެ ކުރިން އެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން، އެނބުރި ގައުމަށް ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.