ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި އެ އަތޮޅު މާއްޑޫ ހަމަޖައްސަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާންކުރައްވައިފައެވެ.

ރައީސް އެކަން އިއުލާންކުރެއްވީ ބ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އޭދަފުށީގެ ބިން ހިއްކޭނެ އެންމެ ބޮޑަކަށް މިހާރު އޮތީ ހިއްކިފައި ކަމަށާއި ދެން އިތުރަށް ބިން ބޭނުންވަންޏާ ޖެހޭނީ ރަށެއް ހޯދަން ކަމަށެވެ. އަދި ރިޔާސީ ކެމްޕޭންގެ ތެރޭގައި އެމަނިކުފާނު މާއްޑޫގެ ވާހަކަ ދަންނަވާފައިވާނެކަން ފާހަގަކުރެއްވިއެވެ.

"މިރޭ އަޅުގަނޑު އިއުލާންކުރަން އިރާދަކުރެއްވިއްޔާ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ އަޅުގަނޑުމެން ހަމަޖައްސައިފިން. މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔެކިޔުން އަޅުގަނޑުމެން ކައުންސިލާ ހަވާލުކުރާނަން. ދެން އެ ރަށުގައި އޭރުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ އާއި ހުރިހާ ކަމަކަށް ޕްލޭންކޮށްގެން، ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށްގެންދަންވީ ހުރިހާ ކަމެއް ކައުންސިލުން ކުރިއަށްގެންދަވަންވީ. އިރާދަކުރެއްވިއްޔާ އެ ރަށަކީ ތިބޭފުޅުންގެ ކުރިމަގަށް މުހިންމު ރަށެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދެއް ފުއްދެވުމަށް ރައްޔިތުން އެމަނިކުފާނާ ވާލުކުރާނީ އެ ވައުދެއް ފުއްދަވައިދެއްވޭނެކަމުގެ ޔަގީންކަން އޮވެގެން ކަމަށާއި އެމަނިކުފާނަކީ ވައުދަކުން ރެކިވަޑައިގެން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭދަފުށި ތަރައްގީކުރައްވާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.