ރަށު ޕިކަޕުން ނަގާ ފީ، އަންނަ މަހުން ފެށިގެން އުވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އަންނަ މަހުން ފެށިގެން އެ ފީ އުވާލެއްވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާންކުރެއްވީ ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއީ ވަރަށް ގިނަ ކައުންސިލުތަކުން އެދޭ ކަމެއް ކަމަށާއި މިހާރު ރަށު ޕިކަޕުތަކަށް 1800 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ކަމަށެވެ. އަދި ރަށު ޕިކަޕުތަކަކީ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ ވެހިކަލްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ މުޖުތަމައަކީ ފެހިކަން ގަދަ، އެންވަޔަރަމަންޓް ފްރެންޑްލީ މުޖުތަމައަކަށް ހަދަން. އެހެންވީމާ އިރާދަކުރެއްވިއްޔާ މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕަށް މި ނަގާ ފީ އެއްކޮށް އުވާލާނަން. އޭރުން އެ 1800 ރުފިޔާ ވެސް ސަލާމަތްވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށު ޕިކަޕަށް ދައްކަން ޖެހޭ ފީ އުވާލުމުން އިންޖީނުލީ އުޅަނދުތަކަށްވުރެ ބޮޑަށް ބެޓަރީ އޮޕަރޭޓަޑް އިލެކްޓްރިކް ވެހިކަލްތަކަށް ދާން ވެސް ފަސޭހަ ވެގެންދާނެ ކަމަށާއި ރައްޔިތުންނަށްޓަކައި އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.