ޔޫރަޕަށް މަސް ބޭރުކުރަން ޔޫރަޕުގެ ކުންފުންޏަކުން ރާއްޖެއަށް 3،000 މެޓްރިކް ޓަނުގެ ބޯޓެއް ފޮނުވާފައިވާ ކަމަށާއި އެ ބޯޓު މި މަހު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއިން މިހާރު މަސް ބޭރުކުރަމުން ދަނީ ތައިލެންޑަށް ކަމަށާއި ނަމަވެސް ތައިލެންޑް މާކެޓުން މަސް ގަންނަ އަގު މާބޮޑަށްވެސް ދަށް ކަމަށެވެ.
އެކަން އެގޮތަށް ކުރުމަކީ ދެކޮޅުޖެހޭނެ ކަމަކަށް ނުވާނެތީ އާއި ރާއްޖޭގެ މަހުގެ އުފެއްދުންތަކަކީ ޕްރިމިއަމް ކޮލިޓީގެ އުފެއްދުންތަކެއް ކަމުން، މަހަށް އެންމެ ރަނގަޅު އަގެއް ލިބޭ މާކެޓެއް ބެއްލެވުމަށްފަހު މަސް ބޭރު ކުރުމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު ނިންމަވާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.
"އެގޮތުން ޔޫރަޕުގެ ދެ ޑެސްޓިނޭޝަނަކުން ރާއްޖޭގެ މަހަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. އޭގެ އިތުރުން ދަޅުމަހާއި ފްރޯޒެން މަސް ވިއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޔޫރަޕުގެ އެހެން ގައުމަކާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވޭ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޔޫރަޕަށް މަސް ބޭރުކުރަން ފެށުމުން މިފްކޯ ދަރަނީގެ ގޮތުގައި ހިނގާ ހިންގުން ބަދަލުވެ، ފައިދާވާ ކުންފުންޏަކަށްވާނެ ކަމަށެވެ.
ޔޫރަޕުން ރާއްޖެ އަންނަ ބޯޓާ ގުޅޭ މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ، ކޫއްޑޫގައި ބަނދަރުކުރާ އެ ބޯޓަކީ މަސް ގަންނަ ކުންފުނިން ހަމަޖައްސައިގެން ރާއްޖެ ގެންނަ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓަށް ކޫއްޑޫގެ ސްޓޯރޭޖުގައި ހުރި މަހުގެ އިތުރުން އައްޑޫ ސްޓޯރޭޖުގައި ހުރި މަސްވެސް ބަރުކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު