ރ. އަތޮޅާއި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން އެ ދެ އަތޮޅުގެ ވީހާވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭ ގޮތާމެދު މަޝްވަރާކުރައްވައެވެ.

ރައީސް މުއިއްޒު ވަނީ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެންނެވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައިފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރެއްވި އިރު، ހއ. ހދ، ށ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ. އަތޮޅުގެވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ.