ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރައިގެ ކުރިއެރުން ދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ވަނީ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން އެމީހުންނަށް މުސާރަ އާއި އިނާޔަތްތައް އިތުރުވިޔަސް، ކައުންސިލު އިދާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އެ ފުރުސަތު ނޯންނަ ކަމަށާއި އެކަމުގައި ސަރުކާރުން މަސައްކަތްކޮށްދޭނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ. އެއީ އެކަމުގައި ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ގެންނަން ބޭނުންފުޅުވާ ކަމަށެވެ. ރައީސް ވަނީ ކައުންސިލުތަކުގެ މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި ކައުންސިލްތަކަކީ އަބަދުވެސް ހުޅުވާފައި ހުންނަ ތަންތަން ކަމުން، މުވައްޒަފުން ހުރިހާ ގަޑިއެއްގައިވެސް މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވައިފައެވެ.
"ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ތިކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ގާތުން ކައުންސިލު މުވައްޒަފުން ދެކިފައި ހުރި މީހެއް މިއީ. އެހެންވީމަ އަޅުގަނޑަށް އެނގޭ ކައުންސިލުތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގައި ގާނޫނީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެނެސްގެން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަކީ އެ މަނިކުފާނު، މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ހައްލު ކުރައްވަން މަސައްކަތް ކުރެއްވި ކަމެކެވެ. އަދި އެކަން ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކު، އެކަމުގައި ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު