ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ހިދުމަތް ފެށުމަކީ އަމާޒެއް ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހެލްތު މިނިސްޓްރީން ހާސިލުކޮށްފައިވާ ކަންކަމުގެ މައުލޫމާތު ދިނުމަށް ސެނަކޯ މާލަމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހަލީލު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން 76 ރަށެއްގައި އެކަށީގެންވާ ވަރުގެ ލެބޯޓަރީގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ރަށެއްގައި މިހާރު ލެބޯޓަރީގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަމާޒަކީ ކުރިއަށް އޮތް ދޭއް ނުވަތަ ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި މި ހިދުމަތްތައް ތައާރަފުކޮށް ނިންމުން. މިހާރު ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް އެ ހިދުމަތްތައް ފަށާފައި،" ހަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ދޭން ބޭނުންކުރާނީ ޕޮއިންޓް އޮފް ކެއާ މެޝިންތަކެއް ކަމަށެވެ. އެއީ ކުޑަ މެޝިނެއް ނަމަވެސް ބޮޑެތި މެޝިންތަކާ އެއްވަރުގެ ސައްހަ ނަތީޖާތަކެއް ނެރުމުގެ ގާބިލުކަން ލިބިފައިވާ މެޝިންތަކެއް ކަމަށް ވިދާޅުވިއެވެ.
ލެބޯޓަރީގެ ހިދުމަތް ގާއިމުކުރަންޖެހޭ ރަށްރަށުގެ ދެބައިކުޅަ އެއްބައި ރަށަށް ބޭނުންވާ އެފަދަ މެޝިންތައް ލިބިފައި ހުރި ނަމަވެސް އެ މެޝިންތައް ފޮނުވާނީ އެކަމާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
"މިކަން ތައާރަފު ކުރެވިގެން ދިއުމާއެކު މިހާރު ރަށްރަށުގައި ހެދިގެންދާ ޓެސްޓްތަކުގެ އަދަދު 15 ޓެސްޓަށް އިތުރުވެގެންދާނެ. އޭގެ ނަތީޖާއަކީ އެޓެންޑް ކުރަންވީ ބަލި މީހާގެ ކޮން ކަމަކަށްކަން ވަރަށް ސާފުކޮށް އެނގިގެންދާނެ. މިސާލަކަށް ކިޑްނީގެ މައްސަލައަށް ހުރިއްޔާ އެކަން (މެޝިނުން) ފާހަގަކޮށްދޭނެ،" ހަލީލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު