މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ވިއްކުމުގައި އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި ތިން މީހަކަށް ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، އެ މައްސަލާގައި ދައުވާ ކުރަން ފޮނުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރު ސ. ފޭދޫ/ ވާރުގެ، މުހައްމަދު އައިމަން އާއި އެ ޑިޕާޓްމަންޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ/ އާޒާދުގެ، ހަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ ވަޒީފާގައި ހުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބް ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން އައިމަންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ.

ޕީޖީގެ އޮފީހުން ބުނި އައިމަންގެ މައްޗަށް އެ ދައުވާ އުފުލީ އޭނާ ހުރި މަގާމުގައި ހުރެގެން އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބުނެ، 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ، ސޮއިކުރުމަށް އެ މައްސަލައިގެ ދެން ދައުވާ ކޮށްފައިވާ ހަސަން ދީދީއަށް އިރުޝާދުދީ، އެ ޑެލިވަރީ ނޯޓުތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސްކޮށް އެމްޕީއެލްއަށް ލިބިފައިނުވާ ޖުމުލަ 783،100 ލީޓަރު ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ދައްކައި، ޖުމުލަ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ ކަމަށެވެ.

އެ ދައުވާގެ ތެރެއިން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ހަސަން ދީދީގެ މައްޗަށްވެސް ކޮށްފައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެކަންޏެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭނާ ހުރި މަގާމުގައި ހުރެ، އެފްއެސްއެމުން އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެމްޕީއެލަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް، 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް ތައްޔާރުކުރި 119 ޑެލިވަރީ ނޯޓުތަކަކީ ސައްހަނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ، ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމުން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓުތައް އައިމަންއާ ހަވާލުކޮށްފައިވާތީއެވެ.

އެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ހިމެނޭ ބިދޭސީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ.

އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ އޭނާ ހުރި މަގާމުގައި ހުރެ، އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ޑެލިވަރާކުރުމުގެ މުއާމަލާތްތައް ކުރުމުގައި 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، އެ ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވާކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ހަސަންދީދީއާ ހަވާލުކޮށް، އެފްއެސްއެމް އިން އެމްޕީއެލްއަށް ޑެލިވަރީކުރަންޖެހޭ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީއެވެ.

ޕީޖީގެ އޮފީހުން ބުނީ، މި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، އެ އޮފީހަށް މިހާތަނަށް ބަލައިގަނެފައިވާނީ އެ މައްސަލައިގައި ހިޔާނާތްތެރިވީ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައި ކަމަށްވެސް ޕީޖީގެ އޮފީހުން ބުންޏެވެ.