މިސްކިތްތަކުގެ އާބާތުރަ ފިލުވަން 15 މިލިޔަނަށް ވުރެއިން ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން މަސް އައުމުގެ ކުރިން ރާއްޖޭގެ އެކި ރަށްތަކުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެ މިނިސްޓްރީން މިހާތަނަށް 15 މިލިޔަނަށް ވުރެއިން ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ މަރާމާތުގެ ހަރަދުތައް އިތުރު ކުރުމަކީ ރައީސް ޑރ. މުހައްމަ މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސްގެ އެވައުދުފުޅާ އެއްގޮތަށް ރަށްތަކުން މަރާމާތަށް ބޭނުންވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ލިޔުންތަކަށް ބެލުމަށް ފަހު، އެކި ރަށްތަކަށް އެކި އަދަދަށް ފައިސާ ހަވާލުކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެރަށެއްގެ މިސްކިތްތަކުގެ މަރާމާތާ ގުޅޭ ކަންތައްތައް އައިސްފައި ހުރި މިންވަރުން އަދި ފަންޑުގެ ތެރޭގައި ހުރި ގާބިލުކަމުގެ ތެރެއިން ރައްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްރަށަކަށްވެސް ވާނީ ފޮނުވާފައި،" ޝަހީމް ވިދާޅުވިއެވެ.

އޭގެތެރެއިން، ރާއްޖޭގެ އެކި ރަށްރަށަށް ގެންނަ އިމާމުންގެ ތެރެއިން ތަރާވިސް ނަމާދު ކުރާ އިމާމުންގެ ހަރަދުތައްވެސް ވަކި އުސޫލުތަކެއްގެ ތެރެއިން ހަޖަމައްސައި ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މި ރަމަޟާން މަހުގައިވެސް އިމާމުވެ ނަމާދުކުރާ ހާފިޒުންނަށް ދޭންޖެހޭ އެލަވަންސްތައް މިނިސްޓްރީގެ ފަރާތުން ދެމުންގެންދާނެ ކަމަށާއި ބައެއް ރަށްތަކުގެ ހާފިޒުން އިތުރު ކުރުމަށްވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.