އަލިފާނުން ރައްކާތެރިވުމަށް އޮސްޓްރޭލިއާގެ ސްޓޭޓަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އޮސްޓްރޭލިއާއަށް ކުރިމަތިވަމުން އަންނަ ހަނަފަސްކަމާއި ހޫނު ވުމުގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަލިފާން ވަނީ ފެތުރެން ފަށާފައެވެ. މީގެ އިތުރުން އަލިފާނުގެ ހޫނުގެ އަސަރުން މީހުން ސަލާމަތް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ސްޓޭޓަކުން 30،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މީހުން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން އޮފިޝަލުން ވަނީ އަލިފާނުގެ އަސަރު އެސަރަހައްދަށް ކުރުމުގެ ކުރިން ލަސްނުވެ އެ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ.

ވިކްޓޯރިއާގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް މަތިވެފައިވާއިރު އެ ސިޓީގައި ވައިގެ ބާރުމިން ހުރީ 60 ކިލޯމީޓަރާއި 70 ކިލޯމީޓަރާ ދެމެދުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީން ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް މަތިވާނެ ކަމަށް ބެލެވޭތީ ސަމާލު ވުމަށް އަންގާފައެވެ.