ހއ. ބާރަށުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހުގައި އަލިފާން ރޯކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ސަގާފީ ތަރަކި ރައްކާތެރިކުރާ މަރުކަޒުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ 450 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ ގަހުގައި ރޭ މެންދަމުގެ ވަގުތެއްގައި ހުޅުޖަހައި ބޮޑުބައެއް އަންދާލާފައިވާކަން އެ މަރުކަޒުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައިހިނދުން ފެށިގެން ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދި ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތީން މި މައްސަލަ ބައްލަވައިދެއްވުމަށް އެދި މި މަރުކަޒުން މިހާރު ވަނީ ރަސްމީކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައެވެ..،" މަރުކަޒުން ބުންޏެވެ.
އަދި ބުނީ އެ މައްސަލައާ ގުޅިގެން މަރުކަޒުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. މަރުކަޒުން ބުނީ ކާނިގަސް ހުންނަ ސަރަހައްދު ރައްކާތެރިކޮށް އެ ތަނުން އިޖުތިމާއީ އަދި އިގުތިސޯދީ ފައިދާތަކެއް ލިބޭނެ ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިވެހީންގެ ތާރީހާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ އަމީޒު "ވަން" އަށް މިއަދު ވިދާޅުވީ، އެ ގަހުގައި ރޯވެފައިހުރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށާއި ވަގުތުން ކައުންސިލާއި ފުލުހުން ގުޅިގެން ގަހުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.
"ގަހުގެ ވަރަށް ބޮޑުބައި ހިކިފަ ހުންނާނީ. އަލިފާން ރޯވުމުގެ ސަބަބުން ގަހުގެ ވަރަށް ބޮޑުބައި، އެއްކޮށް ކަހަލަ ގޮތަކަށް ހުރީ އަނދާފަ،" އަމީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަން ކުރި ބަޔަކު ސީދާ ނޭނގުނު ނަމަވެސް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފައެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ވިދާޅުވެފައިވާ ގޮތުން ބާރަށު އީދުކުޅޭ މަގުގައި ހެދި ބޮޑިވެފައި ހުރި ޒަމާންވީ އެ ގަހަކީ 400 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު