ރައްޔިތުންގެ މަޖިލީހުން މި ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް ބާރު ހިންގާތަން ކަމަށާއި ބައެއްގެ އަޅުންތަކަކަށް މަޖިލީހުން ދެން ފުރުސަތުދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މުސްތަގުބަލަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާތީ ސަރުކާރަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިކުރުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެކަން ކުރަމުން އެދަނީ އެކަން ކުރަން އޯޑަރު ދޭ ފަރާތުން އެކަން ކުރުމަށް އަންގާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވާނުވާ އޮޅިފައެއް ނެތް. ރައްޔިތުން ވެސް އޮޅިވަޑައިގެން ނުވާނެ މިކަންކަން. މި ފެންނަމުންދާ މަންޒަރުތަކަށް ގާފިލުކަންމަތީ ގާފިލުވެ ތިބުމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އޮޅުވާލާ އޮޅުވާލުމަކަށްވާނެ. މި ރާއްޖޭގައި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކީ ތިން ބާރު އޮންނަ އިރުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާތަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އެ އަމުރު އެއްވެސް އެއްޗަކަށް ނުވާ ކަމަށާއި މިއީ ރައްޔިތުން ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން މި ނިންމަން ޖެހެނީ ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ގައުމެއް ބިނާކުރުމުގެ ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކުވެސް ދެން އަނބުރާ ރާއްޖެއަށް އިއާދަނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެން ކަންކަން ދެން ދާނެ ކަމަކަށް ވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެކަންކަމަށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ކޯރަމް ގުނުމަށް ނިންމައި އޭގެފަހުން މަޖިލީހުން ވަނީ ނިންމުންތަކެއް ނިންމައިފައެވެ. ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ އެއީ ކޯޓުގެ އެންގުމާ ހިލާފަށް މަޖިލީހުން ނިންމާފައިވާ ނިންމުންތަކެއްތޯ ބެލުމަށް ވެސް ނިންމައިފައެވެ.