މަސައްކަތްކުރައްވަނީ އަބަދު ބައެއްގެ ގާތުގައި އާދޭސްކުރަން ޖެހޭ ގައުމެއްގެ ގޮތުގައި ތިބޭ ތިބުން ނިމުމަކަށް ގެންނެވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދު ކުރިއަރުވައި، ބުންވަރު ޖައްސައި، އިގުތިސާދު ފުޅާކުރަނީ މުހިންމު މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ބޭނުމުގައި ކަމަށާއި އެކަންކަން ހަގީގަތަކަށް ހެދޭނީ އަމިއްލަވަންތަ ބާރުވެރިކަން، އަމިއްލަ ފުދުންތެރިކަން އިތުރުކުރެވޭ މިންވަރަކުން ކަމަށެވެ.

"އަބަދު ވަކި ބައެއްގެ ގާތުގައި އާދޭސްކުރާ ބައެއްގެ ގޮތުގައި، ކޮންމެ ކަހަލަ ކަމެއްގައި ބޭނުންވިޔަސް ވަކި ބައެއްގެ ގާތުގައި އެކަމަށް އެދިއެދި ތިބޭ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭ ތިބުން ނިމުމަކަށް ގެނެސްގެން. އަސާސީ ކާޑުގެ ބާވަތްތައް ވެސް އެތެރެކުރަން ވެއްޖެއްޔާ ވެސް އެ ތިބޭ ތިބުން ނިމުމަކަށް ގެނެސްގެން. އަޅުގަނޑުމެންގެ ކަނޑުގެ ބިޔަބޮޑު ސަރަހައްދު ބެލެހެއްޓުމުގައި ވެސް އެހެން ބައެއްގެ އެހީތެރިކަމުގައި އަބަދުވެސް އެދެން ޖެހޭ ޖެހުން ނިމުމަކަށް ތާއަބަދަށް ގެނެސްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ފައިމައްޗަށް ގައުމު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތްތަކެއް ކުރަނީ ހަގީގީ މިނިވަންކަން ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ކަމަށާއި ދިވެހި ގައުމަކީ ހަގީގީ މިނިވަން ގައުމަކަށް ހައްދަވައިދެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެ ވައުދު ފުއްދުމަށްޓަކައި އިގުތިސާދީ މިނިވަންކަން ހޯދުމަށް ވެސް މި މަސައްކަތްކުރަނީ. އަޅުގަނޑުމެންގެ މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ މިނިވަންކަން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މިނިވަންކަން ވެސް ހޯދުމުގެ މަސައްކަތް ވެސް މިކުރަނީ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ މި ދެންނެވި މަސައްކަތުގެ ނަތީޖާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދާދި އަވަހަށް މުޅި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަމިއްލަ ފައިމައްޗަށް ތެދުވެ ކުރެވޭނެ ކަމަށާއި އެކަން ފެށުމުން ހަގީގީ މިނިވަން ގައުމެއްގެ އިހުސާސް ކުރެވޭނެ ކަމަށެވެ.