ސަރުކާރަށް ނިސްބަތްވާ މައި ޕާޓީ ޕީއެންސީން ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަދިޔާގެ ގޮތުގައި މިފްކޯއިން މަސްދަޅުދީ، އެކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދާއެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރި އިރު، އެއީ މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓްކުރަން ކުރި ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވަކި ޕާޓީއަކަށް ނިސްބަތްވާ ކެނޑިޑޭޓުންތަކަކަށް މިފްކޯގެ ސީއީއޯ މަސްތަޅު ބެއްސެވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީ އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮނޑޭ) އެވެ.

އެ މައްސަލައާ ގުޅިގެން މިފްކޯގެ އިސް ބޭފުޅުންނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)ގެ ވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މަސްދަޅު ބެހި މައްސަލައިގައި އެ ބޭފުޅުންނާ ސުވާލު ކުރައްވަމުން ބޮނޑޭ ވިދާޅުވީ، މިފްކޯއަކީ ރައްޔިތުންގެ މަސްކުންފުންޏެއް ކަމަށާއި އެސްއޯއީ ކޮމިޓީއަކީ ރައްޔިތުންގެ ކުންފުނިތައް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓާކުރާ ކޮމިޓީ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، ސަރުކާރު ކެނޑިޑޭޓުން ކަމަށްބުނެ ޕީއެންސީގެ ފަރާތުން އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް މަސްދަޅު ބަހަމުން މިފްކޯގެ ސީއީއޯ ޓްވޯޓް ކުރައްވާފައިވާ އިރު، އެއީ ޑިމޮކްރަސީ މުގުރައިލުމަށްޓަކައި ރައްޔިތުންގެ މަސްކުންފުނިން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހަށް އިންތިހާބު ކުރަނީ ރައްޔިތުންގެ މެންބަރު ސަރުކާރުގެ މެންބަރެއް ނޫން ސަރުކާރު ކިޔާ ޕާޓީއެއްވެސް ނޯންނާނެ، އެގޮތަށް ކަންތައް ކުރުމަކީ، އިންތިހާބާ ބެހޭ ގާނޫނުގައި މަނާކަމެއް. މިއީ ޖިނާއީ ކުށެއް، ކަރަޕްޝަނެއް އެހެންވީމަ މިފަދަ ބޮޑު ކަރަޕްޝަނެއް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ރައްޔިތުން އިންތިހާބުކުރާ މެންބަރުންނަށް ނުފޫޒު ފޯރުވުމަކީ ބޮޑު ކުށެއް. ސުވާލަކީ މި ޓްވީޓް ކޮށްފައި ވަނީ ގަސްތުގައިތޯ، ނޭނގިތޯ ކޮން ބައެއްތޯ އެކަން ކުރީ، މިކަމުގައި ޒިންމާވަނީ ސީއީއޯތޯ ކާކުތޯ، ކިހިނެއްތޯ މިކަންހިނގައިފައި އޮތީ،" ބޮނޑެ ވިދާޅުވިއެވެ.

ސުވާލުތަކުގެ ޖަވާބުގައި އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ އެއީ މިފްކޯގެ ފަރާތުން ދިން ހަދިޔާއެއް ކަމަށާއި އެއީ މިފްކޯއަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް ހަދިޔާ ދޭ އާއްމު އުސޫލުން ތިން ހަދިޔާއެއް ކަމަށެވެ.

އެކަމަކީ ކުންފުނީގެ މާކެޓް ތެރެއިން ކުރާ ކަމެއް ކަމަށާއި އެ ހަދިޔާ ފޮށީގައި ހިމެނެނީ މިފްކޯގެ އުފެއްދުންތައް ކަމަށާއި އެއީ މިފްކޯއަށް ވަޑައިގަންނަވާ ބޭފުޅުންނަށް "ކާޓެސީ"އެއްގެ ގޮތުގައި ހަވާލުކުރާ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ހަދިޔާ ދޭ ފޮޓޯ ސޯޝަލް މީދިއާގައި އާއްމުކުރީ އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުން އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ދެން އެފަދަ ކަމެއް ނުވާނެ ގޮތަށް މިހާރު އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ސަމާހު ވިދާޅުވީ މިފްކޯއިން ހަދިޔާ ދޭ ފޮޓޯތައް ޓްވީޓް ކުރާ ހިސާބަށް ދިޔައީ ބަލަން ޖެހޭ ވަރަށް ނުބެލިގެން ކަމަށެވެ. އެއީ އެކަމަށް ހުއްދަ ލިބިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.