ށ. ފުނަދޫގެ ތަރައްގީއަށް ގިނަ ކަންކަން ކުރައްވަންޖެހޭ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދުއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ފުނަދޫގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ރަށުގެ ތަރައްގީއަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް އެ މަނިކުފާނު ފުއްދަވައި ހަގީގާތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފުނަދޫގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއަކީ އެންމެ އިސްކަންދެއްވައިގެން ކުރައްވާނެ މަސައްކަތް ކަމަށެވެ. އެގޮތުން ހިދުމަތުގެ ގޮތުންނާއި އިމާރާތުގެ ގޮތުންނާއި މުވައްޒަފުންގެ އަދަދުގެ ގޮތުންވެސް، ހުރިހާ މާނައެއްގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އެއާޕޯޓުގެ ޖާގަ އިތުރުކުރުމަށް، އެއާޕޯޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފްލައިޓުތައް އިތުރުކުރުމަށް މިފަދަ ގިނަ ގުނަ ކަންތައްތަކެއް އެބަ ހުރި. ފްލައިޓް ޖެއްސުމަށް ރަންވޭ ދިގުކުރުން ކަހަލަ ކަންކަން. ރައްޔިތުން ބޭނުންވާ ގޮތަށް މި އެއާޕޯޓު ބޮޑުކޮށްދީ ތަރައްގީ ކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ އަތޮޅުގައި އިތުރަށް ޓޫރިޒަމް ފުޅާކުރުމަށް އިކޯ ޓޫރިޒަމްގެ އިތުރުން ފަޅު ރަށްތަކުގައި ޓޫރިޒަމް މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ފުނަދޫ އެއާޕޯޓާއި ޓޫރިޒަމް މަޝްރޫއުތައް ކުރިއަށް ގެންދަވާނީ އެކުއެކީގައި ކަމަށާއި އޭރުން ރައްޔިތުންނަށް ހެޔޮ ނަފާ ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
- ރަށުގެ ބިން ހިއްކައިދިނުން
- ރަނގަޅު ފެންވަރެއްގައި ހުރިހާ މަގެއް ހެދުން
- ކުޅިވަރު ކުޅުމަށް އިތުރު ވަސީލަތްތައް ގާއިމުކުރުން
- ސްކޫލުގެ ޖާގަ އިތުރުކުރުމާއި ހިދުމަތްތައް ރަނގަޅުކުރުން
- ބަނދަރު ތަރައްގީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުން
ޚަބަރު
ޚަބަރު
ޚަބަރު