ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވައުދުވެވަޑައިގެންނެވި ގޮތަށް ށ. މިލަންދޫގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދުއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުންވަނީ އެންމެ ވާހަކައެއް އަޑުއެހުމަށް ކަމަށާއި އެއީ އެ ރަށުގެ އެއާޕޯޓް މަޝްރޫއުގެ ވައުދުގެ ވާހަކަ ކަމަށެވެ.
"މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނައިން ދިހަވަނައަށްވެސް އޮތް އެއާޕޯޓް ޔަގީންކަމާއެކީގައި އަޅައިދޭނެކަމުގެ 100 ޕަސެންޓް ޔަގީންކަންދެން. އެއީ ހަގީގަތަކަށް ހަދައިދޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
މިލަންދޫގައި އެއާޕޯޓެއް ހަދައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިދިޔަ އޮގަސްޓު މަހު އެ ރަށަށް ވަޑައިގެން އެއާޕޯޓެއް ހައްދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު މިލަންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން އެ ހުރިހާ ކަމެއްވެސް އެ މަނިކުފާނު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އޭގެ ތެރެއިން ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތާ ގުޅޭ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވަމުން ގެންދަވާ ކަމަށާއި ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫއު އާއި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޮމްޕްލެކްސްގެ މަޝްރޫއުގެ އިތުރުން ހައުސިން މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު