ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ ކަމަށާއި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭ މައުލޫމާތުތައް ދިރާސާކުރަން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އޭސީސީ އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުން އެނގޭ ގޮތަށް، އަދި ފްލެޓަށް ޝަރުތު ހަމަ ނުވާ މީހުންގެ ޝަރުތު ހަމަ ނުވަނީ ކޮން ސަބަބަކުން ކަން ބަޔާންކޮށް ފްލެޓް ލިސްޓް ފޮނުވަން ކޮމިޓީން އެންގުމާ ގުޅިގެން އެމައުލޫމާތު އޭސީސީން ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.

އޭސީސީން ކޮމިޓީއަށް މައުލޫމާތު ފޮނުވާފައި ވަނީ، ކެޓަގަރީތަކަކަށް ބަހާލައިގެންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަން ފާހަގަ ކުރައްވައި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދުމަށް ކޮމިޓީން އެދިފައިވާ މައުލޫމާތުތައް ދިރާސާކުރުން ކޮމިޓީން ކުރިއަށް ގެންދާ އިރު، ފުށޫއަރާ ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ހަމައެކަނި ކައުންސިލުން ލިއުން ހުށަހަޅައިފައިވާ ކަމަށް ބުނެފައިވާ ކެޓަގަރީގައި ހިމެނޭ ބައެއް މީހުން، ހަމައެކަނި ގެއެއްގެ ލިއުން ހުށަހަޅާފައިވާ ކަމަށް ފާހަގަކޮށްފައިވާ ކެޓަގަރީގައި ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ޖަހައިފައި އޮންނަ ކަމަށް ވަންޏާ ދެ ކެޓަގަރީގައި ނަން އޮވެގެންނުވާނެ، އެހެންކަމުން އެގޮތަށް ހުރި އެއްޗެހިތައް އިދާރީ މޭޒުން ފާހަގަކޮށްފައި އެބަހުރި، އޭގެ އިތުރުން ހުރި ބައެއް މައްސަލަަތައްވެސް އިދާރީ މޭޒުން ހުރީ ފާހަގަކޮށްފައި،" ރޮޒޭ ވިދާޅުވިއެވެ.

ރޮޒޭ ވިދާޅުވީ އޭސީސީން ކޮމިޓީއަށް ފޮނުވާފައިވާ ލިއުންތަކަކީ ސިއްރު ލިއުންތަކެއް ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ކޮމިޓީ ސިއްރުކުރަން ފެނޭތޯ ވޯޓަކަށް އެއްސެވިއެވެ. މުޅި ކޮމިޓީ އިއްތިފާގުވީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށެވެ.

ފްލެޓް މައްސަލައިގައި މީގެކުރިންވެސް ކޮމިޓީން ވަނީ އެކި ފަހަރުމަތިން އޭސީސީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ކުރީ ސަރުކާރުގައި ފްލެޓް ދިނުމުގެ މަސައްކަތްކުރި ކޮމިޓީގެ ބޭފުޅުންވެސް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައިގައި ސުވާލުކޮށްފައެވެ.