ޕީ.އެސް.އެމް ބަޙުޘުގައި ހުޅުމާލެ އުތުރު (T17) ދާއިރާގެ ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ފާތިމަތު ސަރީރާ ޢަލީ ޝަރީފް ދެއްކެވި ވާހަކައަށެވެ. މި ގޮތުން "ފަހު ބަސް" ވިދާޅުވުމަށް ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ސަރީރާ ދެއްކެވި ވާހަކަތަކަށް، ހާއްސަކޮށް ދަފްތަރު ރައްޔިތުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސަރީރާގެ "ފަހު ބަސް" ދައުރުވަމުން އަންނަ އިރު، އެ ބަހުސްގައި ސަރީރާ ދައްކަވާފައިވާ ވާހަކަތަކަށް ތާއީދުކޮށް، އެ ގޮނޑިއަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ސަރީރާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަރީރާއަކީ، މާލެއިން ގޯތިގެދޮރު ދިނުމުގައި މާލޭގެ ގޯތިގެދޮރުގައި ރެޖިސްޓަރީވެފައިވާ ރައްޔިތުންނާއި މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްޔިތުންނާ ދެމެދު ސަރުކާރުތަކުން ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅުހައްދަވައި އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. ވަކީން ހާއްސަކޮށް ނިމިދިޔަ ސަރުކާރުން ހިންގި ފުރަތަމަ ބިންވެރިޔާ ސްކީމުން މާލޭ ދަފްތަރުގައި ތިއްބެވި ރާއްޖެތެރޭގެ ރައްޔިތުން ގާނޫނާ ހިލާފަށް ބާކީ ކުރުމުން ސޯޝަލް މީޑިއާގައި "RiseRT"ގެ ނަމުގައި، އިންސާފަށް ގޮވާލައި، ވަރުގަދަ ކެންޕޭނެއް ސަރީރާ އިސްވެހުންނަވައިގެން ވަނީ ހިންގަވާފައެވެ. އަދި ޓީމެއް ހައްދަވައިގެން މި ކަމުގައި އިންސާފު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރައްޔިތުންނަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" (ޤާނޫނު ނަންބަރު 2010/7) ބުނާ ގޮތުން "މާލޭ ރައްޔިތުން"ނެވެ. އަދި، މިދިޔަ ސަރުކާރުން ފުރަތަމަ ހިންގި ބިންވެރިޔާ ސްކީމުން ދަފްތަރުގައި ތިބި ރާއްޖެތެރޭގެ ރައްޔިތުން ބާކީކޮށްފައި ވަނީ، މި ގާނޫނާ ހިލާފަށް އުސޫލެއް ހަދައިގެން "މާލޭ ރައްޔިތެއް" މާނަކޮށްގެންނެވެ. ސަރީރާ ވިދާޅުވަމުން ގެންދަވަނީ ދިވެހިރައްޔިތުންނަކީ ޤާނޫނުއަސާސީއިން ހަމަހަމަ ހައްގުތަކެއް ލިބިދީފައިވާ ހަމަހަމަ ރައްޔިތުންތަކެއްކަމަށް ވާއިރު، މި ރައްޔިތުންގެ އާއިލާއާއި، އުފަންވީ ރަށާއި، ކުރިން ރެޖިސްޓަރީވެފައި އޮތް ރަށް ފަދަ ކަންކަމަށް ބަލައިގެން، ރައްޔިތުންގެ މެދުގައި "ކެޓަގަރީ ހަދައި، ފަންތިކޮށް، ދަރަޖަކޮށްގެން" މި ރައްޔިތުންގެ މެދުގައި ތަފާތުކުރުމަކީ ޤާނޫނުއާސީގެ 17 ވަނަ މާއްދާގެ (ހ)އިން ކަނޑައެޅިގެން މަނާކޮށްފައިވާ ބާވަތުގެ ތަފާތުކުރުމެއްގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުންކަމަށެވެ.

ރާއްޖެތެރެއިން މާލެއަށް ހިޖުރަކޮށްގެން، މާލޭ ދަފްތަރުގައި ނުޖެހިވެސް އެތައްހާސް އާއިލާއެއް މާލޭގައި ކުއްޔަށް ދިރިއުޅެން މަޖުބޫރުވެފައިވާ މައްސަލައިގައި ވެސް ސޯޝަލް މީޑިއާގައި ސަރީރާ ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ. އަދި ދާއިމީ އެޑްރެހަށް ބިނާކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމަކީ ތަހުޒީބީ އެއްވެސް މުޖުތަމައެއްގައި ކަންކުރާ އުސޫލެއް ނޫންކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް އޭނާ ދިރިއުޅޭ ދާއިރާއެއްގެ މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހޮވުމަށް ވޯޓުލެވެން ޖެހޭނެކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް އޭނާ ދިރިއުޅޭ ތާކުން އޭނާއާ މެދު ތަފާތުކުރުމެއް ނެތި ބޯހިޔާވަހިކަން ފަދަ ހައްގުތައް ވެސް ލިބިދޭންޖެހޭކަމަށް ސަރީރާ ވަކާލާތުކުރައްވައެވެ.

ހުޅުމާލެ އުތުރު ދާއިރާއަކީ ދަފްތަރަށް މެޖޯރިޓީ އޮންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މި ފަހަރު ކަނޑައަޅުއްވާފައިވާ ދެ ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ. ސަރީރާ ވިދާޅުވީ މާލޭ ދަފްތަރުގައި ތިއްބެވި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލިހުގައި ވަކީން ގޮނޑި ހުންނަންޖެހޭކަމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރަން މަޖުބޫރުވީ ދަފްތަރު ރައްޔިތުން ވޯޓުލައްވައިގެން މަޖިލިހަށް އިންތިޚާބުކުރައްވާފައި ތިއްބެވި މާލޭ މެންބަރުން ދަފްތަރު ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެއްވުމުންކަމަށެވެ. އަދި ޕާޓީތަކަށް ވެސް ދަފްތަރު ރައްޔިތުން ފެންނަނީ ވޯޓަކަށް ވީމާކަމަށާއި، މި ރައްޔިތުންގެ ހައްގުތައް ގެއްލުވައިލީމާ އެ ކަމާ ބަހެއް ބުނާނެ އެއްވެސް ޕާޓީއެއް ވެސް ނުވިކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ލިސްޓު އާންމުކުރައްވާފައި ވަނިކޮށް، އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅުއްވައި، ދަފްތަރު ރައްޔިތުން ވެސް މަޖިލީހުގައި ތަމްސީލުވާންޖެހޭ ކަމަށާއި، މި ރައްޔިތުން ވޯޓުލައިގެން އިންތިޚާބުކުރާ މަންދޫބުންނަކީ މި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ބަޔަކަށް ވާންޖެހޭކަމަށާއި، މިހާރު އެކަން އެ ގޮތަށް ނުހިނގާކަން ފާހަގަކުރައްވައި، ދަފްތަރު ރައްޔިތުންނަށް ވަކީން މަޖިލިސް ގޮނޑި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތްކަމަށާއި، ދަފްތަރު ރައްޔިތުންނަށް މެޖޯރިޓީ އޮންނަ ގޮތަށް މި ދެ ގޮނޑި ހަމަޖައްސަވައިދެއްވިކަމީ އިލެކްޝަންސް ކޮމިޝަނުން އިންސާފަށް ލޯބިކުރައްވާކަމުގެ ނިޝާނެއްކަމަށް ސަރީރާ ވިދާޅުވިއެވެ.

ސަރީރާއަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމާއި، އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.