އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތަރައްގީގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިސްކުރަނީ އަމިއްލަ މަސްލަހަތުތަކެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކަނޑިތީމަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީ އަދި ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް، އެ ދާއިރާއަށް ނުވަތަ ގައުމަށް ކުރިއަރުން އަންނަ ނަމަ އެކަމަށް އެއްބާރުލުން ދެއްވާ ކަމަށެވެ.

"މިހާރުގެ އިދިކޮޅު ޕާޓީން ކަންކަމުގައި ވަރަށް ބޮޑަށް ނަގަނީ ޕާޓީ ލައިން. ތަރައްގީގެ ވިސްނުމެއް ނޫން. ގައުމަށް ފައިދާ ހުރި ކަންކަމެއް ނޫން، އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް އަދި އަމުދުން މިހާރު ފެންނަ ގޮތުން މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވެއްޖިއްޔާ އަދި އެ ބޭފުޅުން ވެރިކަމުގައި ތިއްބެވި އިރުގައި ގައުމާ ދޭތެރޭ ކަންތައްތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާތެއްގެ މާބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުުޅުނީ. މިއީ ރާއްޖޭގެ ހާލަތު،" ރައީސް ވިދާޅުވިއެވެ.

އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއް ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ހިމެނި ކަންކަމުގައިވެސް މަސައްކަތް ފެށޭވަރަށް އަދި ފަށާފައި ހުރި މަސައްކަތް ނިންމޭ ވަރަށް ފައިސާ ހިމަނާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށްވީ މިހާރު ހިނގަމުންދާ މަޖިލީހުގައި ސަރުކާރުގެ މެންބަރުން މަދުވުމުންނެވެ. އަދި މަޖިލީހަކީ ސަރުކާރަށް ކަންކަން ފަހިކޮށްދޭ މަޖިލީހަކަށް ވެގެންދާންޖެހޭ ކަމަށް ވިދާޅުވިއެވެ.

"މި ކަންކަން ކުރުމުގައި ހަގީގަތުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ކުރިންވެސް ދެންނެވި ފަދައިން މަޖިލީހުގެ ތެރެއިން ބަޖެޓް މި ފާސްކުރަނީ. ބަޖެޓު ފާސްކޮށްފައި އޮތް ގޮތް ކުރިން މި ދެންނެވީ. އަޅުގަނޑުމެންނާ އެއް ވިސްނުމެއްގައި ނެތް މެންބަރުންތަކެއް ތިބީމަ ވެގެން އުޅޭ ގޮތެއްގެ ވާހަކަ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަދި އަމުދުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތަކުގައިވެސް ވަރަށް މުހިންމުވާނެ މަޖިލީހަކީ، ކަންކަން ފަހިކޮށްދޭ މަޖިލީހަކަށް ވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.