ކުޅުދުއްފުށި ސިޓީން (ޢަލީ ޔާމީން، ވަން އޮންލައިން)
ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކީގައި މަސައްކަތްކުރެވޭނެ ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް، މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ދެވަނަ ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުގައި މި ސަރަހައްދުގެ މައި ހަބު ކަމުގައިވާ ކުޅުދުއްފުށި ސިޓީއަށް މިރޭ ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ހުރިހާ ފިކުރެއްގެ މީހުންވެސް ބަލައިގަންނަ ކަމެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިއީ ސިޔާސީ ފިކުރު އެއްފަރާތްކޮށް، ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށެވެ.
"ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށްވެސް ރައީސް މުއިއްޒުއާއެކީގައި މަސައްކަތްކުރެވޭނެ. އެ މަނިކުފާނު ނުބައްލަވައި އެއީ އެމްޑީޕީތޯ، ޕީޕީއެމްތޯއެއް، ޖޭޕީތޯއެއް، ޑިމޮކްރެޓްސް ތޯއެއް،" ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން އަންނަ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް ރާއްޖޭގެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި އެ ބޭފުޅުން ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކެވުމަށް ފުރުސަތު ރައީސް ދެއްވުން ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ނެތުމުން ރައީސަށް ދަތިކުރަން ކުރާ މަސައްކަތަކީ މިއަދު ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އަމާޒު ސާފުވެ، ސަރުކާރުގެ ފޮނިމީރުކަން ފެންނާނީ ދިވެހީންގެ ރާއްޖެ ރައްޔިތުންގެ މަޖިލީހަށް ގެންގޮސްދިނުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު