ހަނދުގައި ދެހަފުތާގެ ރޭގަނޑެއް ހޭދަކުރުމަށްފަހު ޖަޕާނުގެ އުޅަނދު ހޭލައިފިއެވެ.
ޖަޕާނުގެ ގައުމީ ޖައްވީ އިދާރާ "ޖަޒާ" އިން ވަނީ ހަނދަށް ފޮނުވާލި އުޅަނދަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވި މެސެޖަށް ޖަވާބު ލިބިފައިވާކަމަށާއި އުޅަނދު ހޭލައިފި ކަމަށް ބުނެފައެވެ.
ޖަޕާނުން ހަނދަށް ފޮނުވާލި ސްލިމް ނަމުން ނަންދީފައިވާ އުޅަނދު ވަނީ ހަނދުގައި އެއް ރޭ ހޭދަކޮށްފައެވެ. ހަނދުގައި އެއް ރޭގެ ދިގުމިނަކީ ދުނިޔޭގައި ދެހަފުތާގެ ދިގުމިނެކެވެ.
ޖަޕާނުން ފޮނުވާލި އުޅަނދު ހަނދަށް ތިރިކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ވަނީ އޭގެ ސޯލާ ޕެނަލްތައް އެނބުރި އެއަށް އިރުގެ އަލި ނުލިބި ދުނިޔެއާއި ގުޅުން ކެނޑިފައެވެ. ނަމަވެސް މި މަހުގެ މެދުތެރޭގައި އަލުން އިރުގެ އަލި ލިބި އެ އުޅަނދާ ގުޅުން ގާއިމުވި ކަމަށް ޖަޒާ އިން ބުނެއެވެ.
ޖަޒާ އިން ވަނީ ދެހަފުތާއަށް ފަހު އަލުން އެ އުޅަނދުގެ ސިގްނަލް ލިބުމާއެކު ހަނދުގައި ނަގަން ޖެހޭ ފޮޓޯތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ޖަޒާ އިން ބުނެފައިވާ ގޮތުގައި، ހަނދުގައި ސްލިމް އަށް އިރުގެ އަލިކަން ނުލިބި އެއްރޭ ވެފައިވާއިރު އެފަދަ ފިނިހޫނު މިނަކަށް އެ އުޅަނދު ގާބިލު ވެދާނެ ކަމާމެދު ޝައްކު އުފެދެއެވެ. ހަނދުގައި އިރުގެ އަލިކަން ނުލިބޭ ސަރަހައްދުގެ ފިނިހޫނުމިން 130- ޑިގްރީއަށް ދަށްވާކަމަށް ޖަޒާއިން ބުނެއެވެ.
މީގެ އިތުރުން އެ އުޅަނދު އޮތީ ހަނދުގެ އީކުއޭޓާ ކައިރީގައި ކަމުން ހަނދަށް އިރުގެ އަލިކަން އެންމެ ރަނގަޅަށް ލިބޭ ވަގުތު އޭގެ ހޫނުމިން 100 ޑިގްރީން މައްޗަށް އަރާކަމަށް ވެސް ޖަޒާއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ