ހދ. ހަނިމާދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

މަސްވެރި ސިނާއަތުގެ ކުރިއެރުމަށް މިދިޔަ ސަރުކާރުން ފެށި 90 ޕަސަންޓު މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިޖުތިމާއީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ކުރި ބައެއް ދޯނިފަހަރު އެކިއެކި ބޭނުންތަކަށް ބޭނުންކުރާ ކަމަށާއި ބައެއް ދޯނިތައް މަހަށް ނުފުރާ ފަޅުގައި އަޅާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިންގެ އޮތީ މައިގަނޑު ތިން ކަންބޮޑުވުމެއް ކަމަށެވެ. އެއީ ބާނާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުނުގެ ތާށިކަމާއި ސްޓޯރޭޖު ނެތުމުން މަސް ކިރުވުމަށް ކިއޫގައި ގިނަ އިރު ހޭދަކުރަން ޖެހުމެވެ،

ޝިޔާމް ވިދާޅުވީ، އެކަންކަން ހައްލުކުރަން ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.

"ދިޔަ ސަރުކާރުން މަސްވެރިކަމުގެ ތަރައްގީއަށް ފެށި 90 ޕަސަންޓް އެހުރީ މަސައްކަތް ހުއްޓިފައި ވަކިން ހާއްސަކޮށް ސްޓޯރޭޖުގެ ޕްރޮޖެކްޓާއި އައިސް ލިބުމުގެ ޕްރޮޖެކްޓް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުވުމަށް ވެފައިވާ ބައެއް އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށެވެ. އެކަން ކުރަނީ "ފިނިހަކަ" ދުވެލިން ބާރު ސްޕީޑުގައި އެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންގެ ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ކަމަށެވެ.