ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރަކަށް އެއްވެސް އަސާސެއް ނެތި ރުހުން ނުދިނީ ރާއްޖެއިން ބޭރުން އަމުރެއް އައުމާއެކު މަޖުބޫރުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރެއްވި 22 ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، މިދިޔަ ޖެނުއަރީ މަހުގެ 29ގައި ތިން ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަށް ރުހުން ދޭން ފާސްކުރިއެވެ.
މަޖިލީހުން ރުހުން ނުދޭން ފާސްކުރި ބޭފުޅުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މަޖިލީހުން ރުހުން ނުދިން ނަމަވެސް، ހަމަ އެ ދުވަހު އެބޭފުޅުން ހަމަ އެ މަގާމުތަކަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރައްވައި، މަގާމުގެ ހުވައިވެސް ކުރެއްވިއެވެ.
އަލުން އެ ތިން ބޭފުޅުންނަށް ރުހުން ދިނުމަށްޓަކައި އެ މައްސަލަ މަޖިލީހަށް ފޮނުއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުން އެޖެންޑާކުރުން ވަނީ ފަސްކޮށްފައެވެ.
އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަމަޖެހޭ ޒިންމާދާރު ޑިމޮކްރަސީއެއް އޮންނަ ތަނެއްގައި ވިއްޔާ، ރިޔާސީ ނިޒާމަކުން ވެރިކަމެއް ރައްޔިތުން ހިޔާރުކުރީމާ، ދެން އެ ވެރިޔަކަށް ހޮވާ ބޭފުޅާ ކެބިނެޓަށް އައްޔަންކުރައްވާ ބޭފުޅުން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވަންޏާ، ރުހުން ދޭނެ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ޒިންމާދާރުކަމެއް ނެތް ނަމަ، ނޫނީ އިތުބާރު ގެއްލޭ ކަމެއް އޮތިއްޔާ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ނިޒާމުގެ ތެރެއިން ސުވާލުުކޮށް ހަދައިގެން ވަކިވެސް ކުރެވޭނެ ކަމަށާއި އެހެންނަމަވެސް މިހާރު އޮތް މަޖިލީހުން ތިން ވަޒީރުންނަށް ރުހުން ނުދިނީ އެއްވެސް އަސާސެއް ނެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތުގެ އަނެއް މިސާލު. ދެން އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ. އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، މަޖުބޫރުން ތިމަންނަމެން ޖެހެއޭ ކޮންމެވެސް ތިން، ހަތަރު ވަޒީރުންނަށް ރުހުން ނުދޭން. އެހެން އަޅުގަނޑުމެންގެ އެމްޕީސް އިން ކައިރީގައި ވެސް ބުނަމުންދިޔައީ. ތި އެންމެންނަކަށް ނުދެވޭނެއޭ ރުހުމެއް، ތިމަންނަމެން ކޮންމެހެން ވެސް ޖެހެއޭ ދެތިން މީހުން ދުއްވާލަން، ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ މިކަހަލަ ގޮތަކަށް ހިނގާ ރައްޔިތުންގެ މަޖިލީހެއް ކަމަށާއި އެއީ ރައްޔިތުންގެ ފަޅީގައި އޮންނަ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށެވެ. އަދި ރައީސް ވަނީ ރައްޔިތުން އެދޭ ނަތީޖާތައް ނެރުމަށް ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ސަރުކާރާއެކު މަސައްކަތްކުރާނެ މެންބަރުންތަކެއް އިންތިހާބުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"މި އަންނަ މަހުގެ 17ގައި އޮންނަ އިންތިހާބުގައި ރައްޔިތުން ހޮވައިދޭން އަޅުގަނޑު އެދެނީ މި ހުރިހާ ކަންތައްތަކެއް ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަހަލަ ގޮތަކަށް މަސައްކަތްކުރާނެ މަޖިލިސް މެންބަރުންތަކެއް. އޭރުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ބަޖެޓަށް ހުށަހެޅުމަށް ކުރީ ސަރުކާރުން ނަމެއްގައި ދިހަ ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، ހުށަހެޅި ކަންކަން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ވެސް ސަރުކާރަށް އުނދަގޫކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު