ހއ. ކެލާއިން (ޢަލީ ޔާމީން، ވަން އޮންލައިން)
މި ސަރުކާރު ވެރިކަމަށް އައިސް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 30 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެލައަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސައީދު ވިދާޅުވީ، ކުރީ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކޮށް، ދިވެހި ރުފިޔާގެ އަގު ވައްޓާލާފައިވާ ކަމަށެވެ. އަދި ބޭރުގެ ދަރަނި ދެއްކުމަށް އުފެއްދި އެސްޑީއެފްގައި ހުރި ޑޮލަރުތައްވެސް މާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރާ ހަވާލުވި އިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ރުފިޔާ،" ސައީދު ވިދާޅުވިއެވެ.
އެސްޑީއެފްއަކީ ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ފަންޑެކެވެ. އެ ފަންޑު އުފެއްދީ 2017 ވަނަ އަހަރުއެވެ.
ސައީދު ވިދާޅުވީ، މި ސަރުކާރުގެ ތިން މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭއިރު، 130 މިލިއަން ޑޮލަރު އެ ފަންޑުގައި ހުންނާނެ ކަމަށެވެ. އަދި މި ސަރުކާރަށް ބޭރުގެ އެހީ ލިބޭނެ ކަމަށާއި ދުނިޔޭގެ މާލީ އިދާރާތަކުންވެސް ރައީސް މުހައްމަދު މުއިއްޒުގެ އިގުތިސޯދީ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު