މޮޅެތި އެތުލީޓުން ބިނާ ކުރުމާއި ރާއްޖޭގެ ކުޅިވަރު އެހެން ފަންތިއަކަށް ގެންދިޔުމަށް އެކުލަވާލި ދިގުރާސްތާ ޕްލޭންގެ ޑްރާފްޓް އިފްތިތާހު ކޮށްފިއެވެ.
އިއްޔެ މީރުމާ އިވެންޓްސްގައި ބޭއްވި ހާއްސަ އިވެންޓްގައި ކުޅިވަރުގެ ދިގުރާސްތާ ޕްލޭންގެ ޑްރާފް ހުށަހަޅައިދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއުއެވެ.
ރާއްޖޭގެ އެތުލީޓުންނަކީ ގާބިލް، ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އެކުލަވާލެވުނު ޕްލޭންގެ ތަފްސީލްތައް ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ރަން ވަނަތަކެއް ހޯދަން އަމާޒު ހިފައިގެން އެކުލަވާލާ ޕްލޭނެއް ކަމަށެވެ. މި ޕްލޭނާ އެކު ކުޅިވަރު ކުރިއަރުވައި، އެތުލީޓުންގެ ތަމްރީންތަކާއި ކުޅީވަރުގެ ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ފަސޭހަތަކެއްވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ގާތް ގަނޑަކަށް މަހެއްހާ ދުވަހުގެ މަސައްކަތަށްފަހު ތައްޔާރުކުރެވުނު ޕްލޭނަކީ ކުޅިވަރުގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް (ހަފުތާ14) ތެރޭގައި ކުރެވޭ ހާއްސަ މަސައްކަތެއްގެ ގޮތުގައި ޕްލޭން އެކުލަވާލުން ހިމެނޭ އިރު، އެ ޕްލޭނަށް ފަންނީ ވަރަށް ގިނަ ފަރާތްތަކެއްގެ ލަފާ ހޯދާފައިވެއެވެ. މިހާރު ޕްލޭން ވަނީ އާންމުންގެ ހިޔާލަށް ސްޕޯޓްސް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.
ޕްލޭންގައި ހިމެނޭ ބައެއް ކަންކަމަށް ބަލައިލާ އިރު، ދެމެހެއްޓެނިވި ވިސްނުމެއްގައި ކަންކަން ކުރުމަށްފަހު، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް ރާއްޖޭގައި ބޭއްވުމާއި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އޭޝިއަން ގޭމްސް ރާއްޖޭގައި ހޯސްޓް ކުރެވޭތޯ މަސައްކަތް ކުރުން ހިމެނެއެވެ.
މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ބައިވެރިންގެ ގޮތުގައި ހިމަނާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކެވެ.
އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ތަމްރީން ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ނިޒާމެއް ކަނޑައަޅާ ގޮތަށް ޕްލޭނުގައި ހިމަނާފައިވާ އިރު، ވީހާވެސް އަވަހަށް އެކި ކުޅިވަރުގެ ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީންތައް ދީ، އެ ކުދިން ކުރިއެރުވުން ހިމަނާފައިވެއެވެ.
އެގޮތުން އަތޮޅު ތެރޭގައި ރަނގަޅު ސްކައުޓިން ނިޒާމެއް ގާއިމު ކުރުމަށް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މިހާރަށް ވުރެ ފުޅާވެ، އަތޮޅުތަކުގައި ވެސް ގަވާއިދުން ކަންކަން ހިންގުމަށް ޕްލޭނުގައި ވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ފިޒިކަލް އެޑިއުކޭޝަން މާއްދާގެ ކަންކަން ބެލެހެއްޓުމަށް ގައުމީ ލެވަލްގެ، ކޯޑިނޭޓަރަކު ކަނޑައެޅުން ހިމެނެއެވެ.
ޕްލޭންގައި ބުނެފައި ވަނީ ވައިޑީޕީ އާއި ސްކައުޓިން ރަނގަޅު ކުރުމުގެ ބޭނުމަކީ ބައިނަލްއަގުވާމީ ބޮޑެތި ގޭމްސްތަކުން ރާއްޖެއަށް މެޑަލް ހޯދޭނެ ގޮތަކަށް ދުރާލާ އެތުލީޓުން ޑިވެލޮޕްކުރުމެވެ. އެގޮތުން، ޕްލޭނުގައި ކާމިޔާބު ހޯދުމުގެ ޓާގެޓެއްގެ ގޮތުން ހިމަނާފައިވަނީ، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމާއި 2036 އާއި 2040ގެ އޮލިމްޕިކްސްއިން ރާއްޖެއަށް މެޑަލެއް ގެނެވޭތޯ މަސައްކަތް ކުރުމެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން