ބާރު ސްޕީޑުގައި މަޝްރޫއުތައް ހިންގަން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރަން ޖެހޭނީ ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތްކުރެވޭނެ މެންބަރުންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ވައުދުވެވަޑައިގެންނެވި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަން ރައްޔިތުންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހުރި ހުރިހާ ކަމެއް ކުރުމުގައި ރާއްޖޭގެ ގާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ އެ ރައްޔިތުންގެ މަޖިލީހަކީ ވެސް ރައްޔިތުން ވޯޓުލައްވައިގެން ހޮއްވަވާ މެންބަރުންތަކެއް ތިބޭ ތަނެއްވީމަ، ރައްޔިތުންނަށް ސަރުކާރުގެ ކިބައިން ކަންތައްތައް ކޮށްދިނުމުގައި އެހީތެރިކަންދޭ، އެއް ވިސްނުމެއްގައި މަސައްކަތްކުރާ، ރައްޔިތުންނަށްޓަކައި ކަންކަން ކުރާ މަޖިލީހެއް އޮންނަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމުގައި ތިބޭ މެންބަރުން މަޖިލީހަށް އިންތިހާބުކުރުމަކީ އެކަންކަން ބާރު ސްޕީޑުގައި ކުރިއަށްގެންދަން ވަރަށް މުހިންމު ކަމަކަށްވާ ކަމަށާއި އެކަމުގައި ރައްޔިތުންނަށް އޮތީ ދެ ޗޮއިސްއަކުން އެއް ޗޮއިސް ހިޔާރުކުރުން ކަމަށެވެ.

"މީގައި މިއޮތީ ކޮންމެ ހާލެއްގައި ވިޔަސް، ކޮންމެވެސް ކަމެއް ކުރެވިގެން ދިއުންތޯ، ވަރަށް އެފިޝަންޓްކޮށް ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތައް، އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ކަމެއް ފުރިހަމަގޮތުގައި ބާރު ސްޕީޑުގައި ނިންމުންތޯ. ދެ ޗޮއިސް، ދެ މަގު އޮތީ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ކުރިއަށްދާނެ މަގު ކަނޑައެޅިގެންދާނީ ރައްޔިތުން ނިންމާ ގޮތަކުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ގާނޫނީ ނިޒާމުގައި އޮންނަ ގޮތުން ކަމަށެވެ.