ހއ. ތުރާކުނުން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށުގެ އިހުތިސޯސްގެ ތެރޭގައި މި ރަށާ ކައިރީގައި އޮންނަ ވަނގާރު ހިމަނައިދިނުމަށް ރަށު ކައުންސިލުން އެދިއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ހަވީރު ވަޑައިގެން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލާއި އ.ތ.މ ކޮމިޓީން ބޭނުންވާ ބައެއް ކަންކަން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި ޒަމާނީ ފެންވަރަށް މަގު ހެދުމާއި ރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، މި ރަށާ ކައިރީގައި އޮންނަ ވަނގާރު މި ރަށުގެ އިހުތިސާސުގެ ތެރޭގައި ހިމަނައި ދިނުމަށާއި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަމާއި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެދިފައެވެ. އަދި، މި ރަށުގެ ކައުންސިލްގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް ތަރައްގީކުރަން 2016 ވަނަ އަހަރުގެ ތެރޭގައި ވަނގާރު އޮތީ 2.8 މިލިއަން ޑޮލަރަށް ބަޔަކަށް ދޫކޮށްފައެވެ. ވަނގާރު ތުރާކުރަށް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ނިންމެވިއެވެ. ނަމަވެސް އެކަމުގެ އަމަލީ ސިފައެއް އޮތީ ނުޖެހިއެވެ.