ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަނުވާ މީހުންގެ ބޯހިޔާވަހިކަމުގެ ހައްގު، ރައްކާތެރިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.،

އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މިއަހަރުގެ ތެރޭގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ މަޝްރޫއުތަކުން އެ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލެޓުގެ މައްސަލަތައް ބެލުމަށް އާންމުންގެ އިތުބާރު ލިބިފައިވާ މީހުން ހިމެނޭހެން ކޮމިޓީއެއް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިސާލަކަށް މިފަހަރު ފުލެޓް ނުލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ވޯސްޓް ކޭސްގަ މާނައަކީ އަޅުގަނޑުމެންގެ ކޮމެޓީން ބަލައިގެން ވެސް ހަމަ ހަގީގަތުގައިވެސް ނުލިބޭ މީހެއްގެ ގޮތުގަ ކަނޑައެޅުނިއްޔޯ. އެ ހިސާބަށް ދިޔަސް އެ މީހާގެ ހައްގު އެއްކޮށް ގެއްލޭގޮތް ވިޔަކަ ނުދޭނަން. އަދި އަޅުގަނޑުމެން ބައިވަރު ހައުސިން މަޝްރޫއުތައް ހިންގަން އެބަހުރި ހަމަ މިއަހަރުގެ ތެރޭގަ ވެސް ފަށަން" ރައީސް ވިދާޅުވިއެވެ.

އެއްވެސް ރައްޔިތެއްގެ ގެދޮރުވެރިކަން ގެއްލިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގެދޮރުވެރިޔާގެ ފުރަތަމަ ލިސްޓުގައި ފުލެޓަށް ޝަރުތު ހަމަވާކަމަށް އޮވެފަ ފަހުން ނެރޭ ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް އޮންނަ ފަރާތްތަކަށް ވެސް ސަރުކާރުން އެންމެ އަވަހަށް ހިންގާ ހައުސިން މަޝްރޫގެ ތެރެއިން ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހިޔާ ފުލެޓަށް ޝަރުތު ހަމަވާކަމަށް ކަނޑައެޅި ބައެއް މީހުންގެ ނަންތައް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުން އުނިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް އުނިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެންމެ އަވަހަކަށް ފަށާ ސޯޝަލް ހައުސިން މަޝްރޫއަކުން ފުރުސަތުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި އެއްވެސް ރައްޔިތަކު ގެދޮރުވެރިކަން ނެތިގެން އުޅެން ނުޖެހޭނެ ކަމަށާއި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.