ގއ. ވިލިނގިއްޔަކީ ޕީޕީއެމް ޕީއެންސީ، ފިކުރުގެ ކިއްލާކަމުގައި ދައުވާކުރާ ރަށެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ގއ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒަކީ، އެ ވިދާޅުވި ކަމެއް އެ ވިދާޅުވި ގޮތަކަށް ކުރައްވާނެ ވެރިއެއް ކަމަށާއި ރައްޔިތުންނަށް އޮޅުވާލުމުގެ އެއްވެސް ކަމެއް އެ މަނިކުފާނު ނުކުރައްވާނެ ކަމަށެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުއަށް އަލިއަޅުވާލައްވައި އަބްދުއްރަހީމް ވިދާޅުވީ، އެއާޕޯޓަކީ މީގެ 15 އަހަރު ކުރީން ފެށިގެންވެސް އެ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހަދައިދޭނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ވިލިނގިއްޔަކީ، ސަރުކާރަށް ތާއީދު ބޮޑު ރަށެއް ކަމަށެވެ.
"ވިލިނގިއްޔަކީ، މިއީ ސިޔާސީ ޖަލްސާއަކަށް ނުވިނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފިކުރުގެ ކިއްލާކަމަށް ތިބޭފުޅުން ދައުވާކުރާ ތަނެއް. އަދި ވޭތުވެދިޔަ ތާނގައި ތިބޭފުޅުން އޮތީ އެކަން ސާބިތުކޮށްދީފައި" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ވެރިކަން ކުރައްވާނީ ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށާއި އަމިއްލަ މަސްލަހަތު އެ މަނިކުފާނު އިސް ނުކުރައްވާނެ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ތަފާތުވާނެ ކަމަށާއި ތަރައްގީ ގެނައުމުގައިވެސް މި ވެރިކަން ތަފާތުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު