ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިނދަޖެއްސާލައި ވައްޓާލުމުގެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ ގއ. ވިލިނގިލިއަށް ވަޑައިގެން މިއަދު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެތެރެއިންނާއި ރާއްޖޭގެ ބޭރުން ބަޔަކު މަސައްކަތް ކުރަނީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ކަމަށެވެ.

"މިއިން އެގެނީ މިހާރު ރާއްޖޭގައި ގާއިމުވެފަ މިއޮތް ސަރުކާރަކީ ދިވެހީންގެ ސަރުކާރެއްކަން. މީ ބޭރު މީހުންގެ ސަރުކާރެއް ނޫންކަން. ބޭރު މީހުންގެ ސަރުކާރަކަށްނުވާތީ މި ސަރުކާރު ފަންޑުކޮށްގެން، މި ސަރުކާރު ބަލިކޮށިކޮށްލަން، މި ސަރުކާރު އިނދެޖައްސާލަން މަސައްކަތްތަކެއް ކުރަމުން އެދަނީ. އެހެންވީމާ އެކަމަށް ދިވެހި ރައްޔިތުން ފުރުސަތު ދީގެން ނުވާނެ" ޝަހީމް ވިދާޅުވިއެވެ.

ގާނޫނޫގޮތުން އުފެދިފައިވާ ސަރުކާރު ފުރޮޅާލުމަށް ބަޔަކު މީހާ އަވަހަށް މަސައްކަތްކުރާއިރު ގާނޫނީ ސަރުކާރެއް ވައްޓާލުމަށް މީގެ ކުރިން އެއްވެސް ބަޔަކު މިހާ އަަވަހަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ޝަހީމު ވިދާޅުވިއެވެ.

މި ސަރުކާރު ގެނައުމުގައި ވިލިނގިލި ރައްޔިތުންގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި ރައީސް މުއިއްޒަށް ވެސް އެންމެ ބޮޑު ޔަގީންކަމެއް އޮތީ ވިލިނގިލިން ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން މި ވެރިކަން ގެނައި ގޮތަށް ވެރިކަން ދަމަހައްޓަން ވެސް ވިލިނގިލި ރައްޔިތުން މަސައްކަތް ކުރަންވާނެ ކަމަށް ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ އިގްތިސޯދާއި މިނިވަންކަން ވަރަށް ނާޒުކު ހާލަތެއްގައި ވަނިކޮށް ކަމަށެވެ. ރައީސް މުއިއްޒު ވަނީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެކަންކަންމުން ރާއްޖެ ސަލާމަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.