މިދިޔަ އަހަރު ނިމުނު އިރު، ދައުލަތުގެ ދަރަނީގެ ގޮތުގައި ހުންނާނީ 51 ބިލިއަން ރުފިޔާ ކަމަށާއި އެމްޑީޕީ ސަރުކާރު ހަވާލުވިއިރުވެސް ދަރަނި ދައްކަން ހުރި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު އެހެން ވިދާޅުވެފައިވަނީ، މި ސަރުކާރު ހަވާލުވި އިރު، 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
"2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމުލައަކީ 51.1 ބިލިއަން ރުފިޔާ. މި 51 ބިލިއަން އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުން ސޮވްރިން ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމުލަ އަދަދެވެ،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރުތައް ބަދަލުވިޔަސް މި ގައުމު ނުހުއްޓި ކުރިއަށް ދާނެ ކަމަށާއި 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލު ދައްކަން ހުރި ކަމަށެވެ.
"އަޅުގަނޑުމެން އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ދައްކައި ނަހަދަން. ތިއަށްވުރެ ޒިންމާދާރުވާން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ދެކުނުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މިދިޔަ ސަރުކާރުން ލޯނުތަކުގެ އިތުރުން ފައިސާ ޗާޕުކުރަމުންދިއުމުން، އިގުތިސާދީ އަނދަވަޅަކަށް ރާއްޖެ ވެއްޓިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ޗާޕު ނުކުރައްވައި، އިގުތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު