ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ސަބްސިޑީ ނުދީ ހިންގާ ކުންފުންޏަކަށް ހައްދަވާނޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ފައިސާ ދޫނުކޮށް ލަސްވާ މައްސަލައިގައި މިނިސްޓަރު ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށްފައެވެ.

މިއަދުގެ މަޖިލީހުގައި މަޖިލީހުގެ އެންމެ ގިނަ މެންބަރުންގެ ސުވާލަކަށްވީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކުރާ މަސައްކަތްތަކާއި މިފްކޯއަށް ސަބްސިޑީ ނުދީ ހިންގޭނެ ގޮތްތަކާ މެދު ސުވާލުކުރައްވައިފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް މުހިންމު ސިނާއަތްތައް ކުރިއެރުވުމަށް އެ ވިޔަފާރީގައި ސަރުކާރުން ހަރަކާތްތެރިވެ ސަބްސިޑީ ދީ ހަދާ ކަމަށެވެ. ނަމަވެސް ސަބްސިޑީ ނުދީވެސް މިފްކޯ ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިން އެދެނީ އެތަނުގައި (މިފްކޯ)ގައި މި ހުރި ބޮޑެތި ހަރަދުތައް ކުޑަކޮށްފައި އެމީހުން ކުރާ މަސައްކަތަށް އާމްދަނީ ލިބޭނެ ތަނަކަށް ހަދަން. އަމާޒު މި ހުރީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މިފްކޯއަކީ ސަރުކާރުން ސަބްސިޑީ ނުދީ ހިންގާ ތަނަކަށް ހެދުން. އެ ބަދަލު އަޅުގަނޑުމެން ގެންނާނަން،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފައިދާއެއް ނުވާ ގޮތަށް މިފްކޯއަށް ބޮޑެތި މުސާރަ ދީގެން ނަގާފައިވާ މުވައްޒަފުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިކަމާ ގުޅޭ ވައުދުތައް ދައުރުގެ ކުރީކޮޅުގައި ފުއްދާނެ ކަމަށެވެ. އެގޮތުން 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމުތައްވެސް ދައުރުގެ ކުރީކޮޅުގައި ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.