ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސްފައި ބަނދަލޭފައި ނުބެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑު ޒިންމާއެއް އަދި އަމާނާތެއް ހަވާލުކުރައްވާފައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ރައްޔިތުން ހަވާލުކުރެއްވި އަމާނަތް އަދި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވަމުން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ، ރައްޔިތުން، ރައީސް މުއިއްޒާ ހަވާލުކުރެއްވި އަމާނަތް ބޮލާލައި ޖަހައި، ރައްޔިތުންގެ ނިންމުމާ ދެކޮޅަށް މަސައްކަތްކުރަން ކަމަށެވެ.

"ބައެއް މީހުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެލީމާ ރައީސުލްޖުމްހޫރިއްޔާ ހަތަރެސްފައި ބަދެލުމުގެ ބާރުވެސް ލިބިދޭ ގޮތަށް މިއޮތީ. އަޅުގަނޑުމެންނަށް އެކަން ގަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ހިދުމަތްކުރަން ނުކުމެ ހުންނަވާ ރައީސަކަށް ދުއްތުރާކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންވާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރިޔާސީ ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާއެއް ހަތަރެސްފައި ބަނދަލެވޭ ގޮތަށް އޮތުމަކީ އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫން"

ރައްޔިތުން، ރައީސް މުއިއްޒާ ހަވާލުކުރެއްވި ޒިންމާ އަދާކުރެއްވުމަށް ފުރުސަތު ދޭންވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒާ، ރައްޔިތުން ހަވާލުކުރެއްވި ޒިންމާތައް އަދާކުރެއްވުމުގެ ފުރުސަތު ރައްޔިތުން ދޭންވާނެ ކަމަށާއި އެކަން ރައްޔިތުންނަށް ކުރެވޭނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ކަމަށެވެ.

ގައުމަށް ތަރައްގީ ގެންނަން ރައީސް މުއިއްޒު ބޭނުންވާ ކަންކަމަށް މިހާރު ހުރި ގާނޫނީ ހުރަސްތައް ނައްތާލުމުގެ އިތުރުން ބައެއް އާ ގާނޫނުތައް ވެސް ބޭނުންވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގައި ފައިސާ ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ފައިސާގެ ދަތިކަމާއެކު ވެސް ރައީސް މުއިއްޒު، ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެ މަނިކުފާނުގެ ކިބައިގައި އިހުލާސްތެރިކަމެއް ނެތް ނަމަ، ރިޔާސީ އިންތިހާބުގައި ދެއްކެވި ހުރިހާ ވާހަކަފުޅަކާއި ވައުދުތައް ހިމެނޭ ފޮތެއް ނުނެރުއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ހަމައެކަނި އެކަމުން ވެސް ރައީސް މުއިއްޒަށް، ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭކަން ސާފުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.