ފުލެޓު ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން 500،000 ރުފިޔާ ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ 13 ވަނަ ދުވަހު ހުށަހެޅި އެ ސްކޭމްއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަސް ލައްކަ ރުފިޔާގެ މި ސްކޭމް ހިންގާފައިވަނީ ފުލެޓު ލިބިފައިވާ ކަމަށް ބުނެ އޯޓީޕީ ހޯދައިގެން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.