ޖަޕާނުގެ ސިފައިންގެ ބޯދިގު ކުރަން ހުއްދަ ދޭން ނިންމައިފިއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ގައުމުގެ މިލިޓަރީ ޔުނީފޯމް އެޅުމުގެ ގަވާއިދަށް ބަދަލު ގެނެސް ކުރިން އޮތް ގަވާއިދު އިސްލާހު ކުރުމަށް ނިންމާފައެވެ. އެގޮތުން ސިފައިންނަށް ވަކި ވަރަކަށް ބޯދިގުކުރުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޖަޕާނުގައި އަންނަ އޭޕްރިލްގެ ފަހުން އެ ގައުމުގެ ސިފައިންނަށް ބޯދިގު ކުރުމުގައި ލުއި ދިނުމަށް ނިންމާފައިވާއިރު ފިރިހެން ސިފައިންނަށް ބޮލުގެ ދެފަރާތުން ދިގު ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ނަމަވެސް ބޮލުގެ ފަހަތް ބަހައްޓާން ޖެހޭނީ ކުރުކޮށެވެ.

މިނިސްޓްރީން ވަނީ އަންހެން ސިފައިން ކޮނޑާއި ހަމައަށް ދިގު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ.

ޖަޕާނުގެ މިލިޓަރީއަށް މިގެނައި ބަދަލަކީ އެގައުމުގެ ޑިފެންސް ފޯހުގެ ހާއްސަ ޕެނަލަކުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް އޮފިޝަލުން ބުނެއެވެ.

ޖަޕާނުގެ ޑިފެންސް ފޯހުގެ ހާއްސަ ޕެނަލުން ގަވާއިދަށް ބަދަލު ގެނައީ އެގައުމުގެ މިލިޓަރީއަށް ވަންނަން ޒުވާނުން ހިތް ޖެއްސުމަށާއި މިލިޓަރީގައި ޒުވާނުންގެ ނިސްބަތް ގިނަ ކުރުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.