އައްޑޫ ސިޓީ، ފޭދޫން (މުހައްމަދު އިޝާން ވަންއޮންލައިން)

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 1،800 ބިދޭސީން، ރާއްޖެއިން އަނބުރާ ފޮނުވާލައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފޭދޫ އަދި ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަަލައަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރަން އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ޓާސްކް ފޯސެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ސީދާ ރައީސްގެ ބެއްލެއްވުމުގެ ދަށުން އަޅުގަނޑުމެން ޓާސްކް ފޯހެއް ނަގައި މަސައްކަތުގެ އަލީގައި މިހާރު ވާނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 1،800 އަށްވުރެ ގިނަ މީހުން، އޭގެ ތެރޭގައި އަމިއްލައަށް ދިޔަ މީހުންނާއި އަޅުގަނޑުމެން ފޯސްފުލީ ރާއްޖެއިން ޑިޕޯޓްކޮށްލި މީހުން ހިމެނޭހެން ރާއްޖެއިން ބޭރުކުރެވިފަ. މިއީ އަޅުގަނޑުމެން ދާން ބޭނުންވާ ސްޕީޑަކީ،" އިހުސާން ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ވެރިކަމަށް މިވީ މުއްދަތުގައި 47.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާއަރަކަށްވެ، ފަރުވާ ބޭނުންވެ، ފަރުވާ ނުލިބިފައިވާ ގިނަ މީހުނަށް ފަރުވާގެ ކަންކަން ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށްވެސް ވިދާޅުވިއެވެ.