އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފްލެޓް ލިސްޓް، ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައި އޭސީސީގެ ހޯދުންތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓާއި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އޭސީސީން ކަނޑައަޅާފައިވާ ލިސްޓު ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރުމަށެވެ.
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިން ކަމަށްވާ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްއާ ހިއްސާކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ. އެކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން ދެކޮޅު ހެއްދެވިއެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މާދަމާ ބާއްވާ ބައްދަލުވުމަށް ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިން ވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް އޭސީސީން އެކުލަވާލި ފްލެޓް ލިސްޓު ލިބިފައި ނެތުމުން ޖަވާބުދާރީވުމަށް އުނދަގޫވެވަޑައިގަންނަވާނެ ކަމަށެވެ.
އެހެންވެ އެ ބޭފުޅުން ޖަވާބުދާރީވުމަށް ވަޑައިގަންނަވާއިރު، މި މައުލޫމާތު ހިއްސާކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެއީ ސިއްރު މައުލޫމާތަކަށްވާތީ، އެ މައުލޫމާތު އެއްވެސް ބަޔަކާ ހިއްސާ ކުރެވޭނީ ކޮމިޓީން އެގޮތަށް ފާސްކޮށްގެން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ކޮމިޓީއަށް މިހާރު ވަނީ އެ މައުލޫމާތު ހޯދައިފައި. އެއީ ސިއްރު މައުލޫމާތު ކަމަށްވާތީ، މާދަމާ ޖަވާބުދާރީވުމަށް ވަޑައިގަންނަވާ އެ ބޭފުޅުންނަށް މި މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ،" ރޮޒެއިނާ ވިދާޅުވިއެވެ.
މާދަމާގެ ކޮމިޓީ ބައްދަލުވުމަށް އޭސީސީގެ އޮފިޝަލުންގެ އިތުރުން ހާޒިރުވާނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުންނެވެ.
ފްލެޓް ދޫކުރުމުގައި މައްސަލަތެއް ހުރިކަން ފާހަގަވެގެން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ހުއްޓުވައި އެ މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އަދި އޭސީސީން ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުންގެ ލިސްޓެއްވެސް އެކުލަވާލައިފައެވެ. އެ ލިސްޓް މި ސަރުކާރުގެ ހައުސިން މިނިސްޓްރީއާވެސް ވަނީ ހިއްސާކޮށްފައެވެ.
އޭސީސީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު