އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބުރާތް މި ހަފުތާގައި ކާމިޔާބުކުރި އައިވަރީ ކޯސްޓާއި ރަނަރއަޕް ނައިޖީރިޔާގެ ކުޅުންތެރިންނަށް އެ ދެ ގައުމުގެ ސަރުކާރުން ފައިސާގެ ބޮޑެތި އިނާމާއި ބިންބިމާއި ފްލެޓްތައް ދީފިއެވެ.

އައިވަރީ ކޯސްޓްގެ ރައީސް އަލަސާނޭ އުޓާރާ ވަނީ ކޮންމެ ކުޅުންތެރިއަކަށް 82 ހާސް ޑޮލަރުގެ ފައިސާޔާއި ހަމަ އެއަގާ އެއްވަރުގެ ގެއެއްވެސް ކޮންމެ ކުޅުންތެރިއަކަށް ދެއްވައިފައެވެ. ނައިޖީރިއާގެ ސަރުކާރުން ވަނީ އެ ގައުމުގެ އެންމެ މަތީ ޝަރަފުގެ މެޑަލް ކޮންމެ ކުޅުންތެރިއަކަށް ދީފައެވެ. އަދި ވެރިރަށް އަބޫޖާގެ ކައިރިން ކޮންމެ ކުޅުންތެރިއަކަށް އެޕާޓްމަންޓަކާއި ބިމެއްވެސް ވަނީ ދީފައެވެ. މީގެ އިތުރުން އަދި ފައިސާގެ އިނާމުވެސް ދޭނެއެވެ. އެއީ ކިހާވަރެއްކަން އަދި ކަށަވަރެއް ނޫނެވެ.

މުބާރާތުގެ ތިންވަނަ ނުވަތަ ބްރޯންޒް މެޑަލް ހޯދި ދެކުނު އެފްރިކާގެ ކުޅުންތެރިންނަށްވެސް އެތާގެ ސަރުކާރުން ވަނީ ފައިސާގެ އިނާމު ދޭނެކަން އިއުލާންކޮށްފައެވެ. ދެކުނު އެފްރިކާއިން ދޭނީ ކޮންމެ ކުޅުންތެރިޔަކަށް 52 ހާސް އެމެރިކާ ޑޮލަރެވެ. މިފަހަރުގެ މުބާރާތަށް ހުށައެޅުނު ފައިސާގެ މިންވަރަކީ މީގެކުރިން އެފްކޮންގެ އެއްވެސް މުބާރާތަކަށް ހުށަނޭޅޭވަރުގެ ބޮޑު އަދަދެކެވެ. އެންމެފަހުން ބޭއްވުނު އެފްކޮންއަށްވުރެ މިފަހަރުގެ އެފްކޮންގެ އިނާމު ފައިސާގެ މިންވަރު ސާޅީސް އިންސައްތަ ބޮޑެވެ.

މުބާރާތް ކާމިޔާބުކުރި އައިވަރީ ކޯސްޓަށް އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން މިފަހަރު ދޭނީ ޖުމްލަ ހަތް މިލިޔަން ޑޮލަރެވެ. ރަނަރއަޕް ނައިޖީރިއާއަށް ހަތަރު މިލިޔަން ޑޮލަރެވެ. ބްރޯންޒް މެޑަލިސްޓް ދެކުނު އެފްރިކާއަށާއި ސެމީފައިނަލްގައި ކުޅުނު ހަތަރުވަނަ ޓީމުކަމަށްވާ ޑިމޮކްރަޓިކް ކޮންގޯ، މިއިން ކޮންމެ ބަޔަކަށް 2.5 މިލިއަން ޑޮލަރެވެ.