މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ގިންތިތައް ކަނޑައަޅާއިރު މުޖުތަމައުގައި ހަވާސާވެފައި ތިބި އެންމެންނަށް ސަމާލުކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިސްރަށްވެހިންނަށް ހާއްސަކޮށްގެން ސަރުކާރުން ގާއިމުކުރި ފުރަތަމަ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، މުޖުތަމައުގައި ހަވާސާވެ އެހީތެރިކަން ބޭނުންވާ މީހުންގެ ރަނގަޅު ފެންވަރުގެ ދަފުތަރެއް ނެތުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި އެހެންވެ، އެފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާވައިވާ ކަމަށެވެ.
އަދި އިސްރަށްވެހިންނާއި މުޖުތަމައުގައި ހަވާސާވެފައި ތިބި މީހުންނަށްވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާތީ، އެފަދަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ ގެދޮރުވެރިކަމުގެ އެކި ކަހަލަ ފަންތިތައް، ގިންތިތައް ކަނޑައަޅެޅުމާބެހޭ ބިލެއް. މި ބިލު ފަރުމާކުރެވިގެންދާއިރު މީގައި މި އޮންނަނީ މި ދެންނެވި ގޮތަށް. އިސްރަށްވެހިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ހަމަ ގެދޮރުގެ ދަތިކަން. ހާއްސަ ސަމާލުކަން ދެވިގެން ކުރިއަށް އޮތްތަނުގައި ގެދޮރުގެ އެކި މަޝްރޫއުތަކުގައި މި ސަމާލުކަން ދެވިގެން އެ މީހުންނަށް ފުރުސަތު ވަރަށް ބޮޑަށް ލިބޭނެ," ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމު ހިންގުމުގައި އިސްރަށްވެހިންނަށް ބަސްބުނުމުގެ ފުރުސަތު ސަރުކާރުން ދެއްވާނެ ކަމަށާއި އެފަދަ ފަރާތްތައް ސަރުކާރުގެ ރާޑަރުގެ މެދަށް އަރުވާނެ ކަމަށެވެ. އަދި އަމިއްލަވަންތަ 'އައިޑެންޓިޓީ' އަކާއެކީގައި ކުރިއަށްދާން ބޭނުން ނަމަ އިސް ރަށްވެހީންނަށް އަޅައިލައި އެ މީހުންގެ ބަސް ގައުމު ހިންގުމުގައި ބޭނުންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު